އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ބުރާސްފަތި ދުވަހުގެ ރޭ ހަމަނުޖެހުން ހިންގުމާ ގުޅިގެން، އުމުރުން 67 އަހަރުގެ ފިރިހެނަކު އޭނާ އިން ގޮނޑިއާއެކު ޓޭޕް އަޅައި ބަނދެފިއެވެ.
އެރިޒޯނާއަށް ނިސްބަތްވާ އާތަ ލަންޑީން ނަމަކަށް ކިޔާ މި މީހާ ބަނދެފައިވަނީ އަތުގައި ޒިޕް ޓައި އެޅުވުމަށްފަހު، ގަޔާއި ގޮނޑިއާއެކު ޑަކްޓް ޓޭޕް އަޅައިގެންނެވެ. ފްލައިޓު ތެރޭގައި އޭނާ ހިންގި ހަމަނުޖެހުމުގެ ސަބަބުން، އެ ފްލައިޓު ވަނީ ރޭގަނޑު 10:15 ހާއިރު ބޯލްޓިމޯ ވޮޝިންޓަން އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓުކޮށްފައެވެ.
ފްލައިޓު އެއާޕޯޓަށް ޖެއްސުމާއެކު، މެރީލޭންޑް ޓްރާންސްޕޮޓޭޝަން އޮތޯރިޓީ ފުލުހުން ވަނީ ފްލައިޓަށް އަރައި އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ފްލައިޓުގެ ކްރޫންނާއި ދަތުރުވެރިންނަށް އުނދަގޫވާ ފަދަ ގޮތަކަށް އަމަލުކުރުމުންނެވެ.
ފްލައިޓު ތެރޭގައި އޭނާ ހިންގީ ކޮން ކަހަލަ ހަމަނުޖެހުމެއް ކަމުގެ ތަފްސީލެއް އަދި ހާމައެއްނުކުރެއެވެ. އަދި އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވެސް އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
މަތިންދާބޯޓުތަކުގެ ތެރޭގައި ފަސިންޖަރުން މިފަދަ ހަމަނުޖެހުންތައް ހިންގާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިފަދަ އަމަލުތައް ކުރާ މީހުންނާ މެދު އެއާލައިންތަކުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
