އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެގެން އަރަމުންދާ ބޯ ދުމުގެ ސަބަބުން ވައި ނުސާފުވެ، މެލޭޝިއާގެ ސަރަވާކް ސްޓޭޓްގެ ސީރިއަން ޑިސްޓްރިކްޓްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް 600 އަށްވުރެ ގިނަ ސްކޫލު ބަންދުކުރަން ނިންމައިފިއެވެ.

މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހިމްގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މިގޮތަށް ނިންމީ އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވުމާ ގުޅިގެން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ 647 ސްކޫލެއް ބަންދުކުރާނެއެވެ. ސްކޫލުތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ އޮފީސްތަކާއި، ދަނޑުވެރިކަން ކުރާ ތަންތަނުގެ އިތުރުން އިމާރާތްކުރާ ސައިޓުތައް ވެސް މަދުވެގެން އަންނަ ހަފުތާގެ ނިޔަލަށް ބަންދުވާނެއެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބެން ހުންނާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ދުމަކީ އިންޑޮނޭޝިއާގެ ކަލިމަންތަން އަދި ސުމަޓްރާ ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުން އަރަމުންދާ ދުމެކެވެ. މީގެ ނޭދެވޭ އަސަރު މެލޭޝިއާގެ އެހެން ސަރަހައްދުތަކުގެ އިތުރުން އަވަށްޓެރި ގައުމުތަކަށް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފިލިޕީންސްގެ ބައެއް ސްކޫލުތައް ބަންދުކޮށްފައިވާއިރު، ސިންގަޕޫރު އަދި ބުރުނާއީގެ ވައި ވެސް ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ.

ސަރަވާކް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީގެ ޗެއާމަން ޑަގްލަސް އުއްގާ އެމްބާސް ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ "ބޭރަށް ނުކުމެ އުޅުން މަދުކުރުމަށާއި، ބޭރުގައި ކުރާ ބުރަ މަސައްކަތްތައް ނުކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ،" ކަމަށެވެ. އޭނާ އިތުރަށް ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ހަމައެކަނި ސީރިއަން ޑިސްޓްރިކްޓަށް ކަމަށާއި، ނަމަވެސް އެންމެން ވެސް މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ވައި ސާފުކުރުމަށްޓަކައި ވިއްސާރަވެހޭނެ ގޮތް ހެދުމަށް މެލޭޝިއާއިން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. ބުރާސްފަތި ދުވަހު ފެށި މި މަސައްކަތް ކުރިއަށް އޮތް ހޯމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މި މަހުގެ ތެރޭގައި އެ ސަރަހައްދަށް ވަރަށް ބޮޑަށް ހޫނުގަދަވާނެއެވެ. މީގެ ސަބަބުން އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.