ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދަވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 1.8 މިލިއަނަށް ވުރެ ގިނަ ގަސް އިންދައިފިއެވެ. މިއީ ތިމާވެށީގެ އިންޓަނޭޝަނަލް ސަމިޓް ކަމަށްވާ "ކޮޕް28" ގައި އެ މަނިކުފާނު އިއުލާނުކުރެއްވި މުހިންމު ވައުދެއް ފުއްދުމުގެ ގޮތުން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށި ބޮޑު މަޝްރޫއެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 1،830،618 ގަސް ވަނީ އިންދާފައެވެ. މިއީ މުޅި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަމާޒުގެ 37 ޕަސަންޓެވެ. މި އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އޭގެ ތެރެއިން ހަ ލައްކައަށް ވުރެ ގިނަ ގަސް މިހާރު ވަނީ އިންދާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެއް މިލިއަން ގަސް އިންދުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒު ފުރިހަމައަށް ހާސިލުވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް ހިމެނޭހެން މޭވާ އަޅާ ގަހާއި، ބަގީޗާ ގަސް، ހިޔާދޭ ބިޔަ ގަސް އަދި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދައި އާލާކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ގަސް އިންދުމުގެ މި ބޮޑު މަޝްރޫއު އިތުރަށް ފުޅާކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ "ގްރީން ނާސަރީ" އެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ލެބޯރެޓަރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކުގެ އިތުރުން ގްރީން ހައުސްއެއް ހިމެނޭހެން ހަދާ މި ނާސަރީގެ އިތުރުން، އަތޮޅުތެރޭގެ 20 ރަށެއްގައި ނާސަރީ އެޅުމަށް ކޮންމެ ރަށަކަށް ފަސް ލައްކަ ރުފިޔާގެ އެހީތެރިކަން ސަރުކާރުން ވަނީ ދީފައެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ފަށާފައިވާ މި ޕްރޮގްރާމަށް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުން އަންނަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ. އޭގެ ތެރޭގައި ރޯޒްވުޑް، އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، އެސްޑީއެމް ފާމް އަދި ސްޓެލްކޯ ފަދަ ތަންތަނުން ގިނަ އަދަދެއްގެ ގަސް ހަދިޔާކޮށްފައިވެއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، މަޝްރޫއު އެއްކޮށް ފުރިހަމަކުރުމަށް ދެން އިންދަން ޖެހެނީ ހަތަރު މިލިއަނެއްހާ ގަހެވެ.