އަޅުގަނޑުމެން ނިންމާ ނިންމުންތަކަކީ ހަމައެކަނި ސިކުނޑީގެ ވިސްނުމުގެ މައްޗަށް އެކަނި ބިނާވެގެންވާ ކަންކަމެއް ނޫނެވެ. ޖަރުމަނުގެ ސެންޓަރ ފޯ ޑައިބީޓީސް ރިސާޗް (ޑީ.ޒެޑް.ޑީ) އާއި ބާލިންގެ ޗަރިޓޭ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދިޔަ އާ ދިރާސާއަކުން ދައްކާގޮތުގައި، ނޭވާލާ ރިދަމަށް ބަދަލުުގެނެސްގެން ސިކުނޑިން ކަންކަން ވަޒަންކުރާ ގޮތަށް ސީދާ އަސަރުފޯރުވިދާނެއެވެ. ޚާއްޞަކޮށް، ލަސްލަހުން ނޭވާލައި، ނޭވާ ބޭރުކުރާ ވަގުތު ދިގުކޮށްލުމަކީ ނުރައްކާ އެކުލެވޭ ނަމަވެސް ބޮޑެތި ފައިދާތައް ލިބެންހުންނަ ނިންމުންތައް ނިންމުމަށް އިންސާނާގެ ހިތްވަރުގަދަކޮށްދޭ ކަމެކެވެ.
މި ދިރާސާގައި ބައިވެރިވި މީހުން ނޭވާލާ ރިދަމް ވަކި ގޮތަކަށް ބަހައްޓައިގެން ތަފާތު ނިންމުންތައް ނިންމުމުގެ އިމްތިޙާނުތަކެއް ވަނީ ހަދާފައެވެ. އެގޮތުން، ކުރުކޮށް އެތެރެއަށް ނޭވާލުމަށްފަހު ދިގުކޮށް ބޭރަށް ނޭވާ ބޭރުކުރުމުގެ ކަސްރަތު ފުރިހަމަކުރި މީހުންގެ ހިތުގެ ހިނގުމަށް އެކަށީގެންވާ ބަދަލުތަކެއް އައިސް، ހިތުގެ މަސައްކަތް ހަމައަކަށް އެޅުނެވެ. މީގެ ސަބަބުން ސިކުނޑިއަށް ފޮނުވައިދޭ ސިގްނަލްތަކަށް ބަދަލުއައިސް، ލިބެންހުރި ފައިދާތަކާއި އިނާމުތަކަށް ސިކުނޑި ހުޅުވިގެންދިޔައެވެ.
ސައިންސްވެރިން ބުނާގޮތުގައި، މިގޮތަށް ދިގުކޮށް ނޭވާ ބޭރުކުރުމުން ސިކުނޑީގެ "ވެންޓްރޯމީޑިއަލް ޕްރީފްރަންޓަލް ކޯޓެކްސް" އަދި "ޕްރީކިއުނިއަސް" ސަރަޙައްދުގެ ހަރަކާތްތެރިކަން އިތުރުވެގެންދެއެވެ. މިއީ ކަންކަމުގެ އަގުވަޒަންކުރުމާއި، ލިބޭނެ ފައިދާތައް ވަޒަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ސަރަޙައްދެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގެއްލުންތަކަށް ވިސްނައި ބިރުގަތުމުގެ ބަދަލުގައި، ލިބެންހުރި މަންފާތަކަށް އިސްކަންދީގެން ގޮތްތައް ނިންމުމަށް މީހާގެ މައިންޑްސެޓް ބަދަލުވެގެންދެއެވެ.
މި ހޯދުމަކީ ދިރިއުޅުމުގެ ކަންކަމުގައި ބޮޑެތި ނިންމުންތައް ނިންމާއިރު އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ ވަރަށް އާދައިގެ، ނަމަވެސް ބާރުގަދަ އުކުޅެކެވެ. ޚާއްޞަކޮށް ނަފްސާނީ ގޮތުން ބިރުގަންނަ ޙާލަތްތަކުގައާއި، މާލީ ނުވަތަ އަމިއްލަ ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމަންޖެހޭ ވަގުތުތަކުގައި، ނޭވާލާ ރިދަމް ކޮންޓްރޯލްކޮށްލުމަކީ ސިކުނޑި ހަމައަކަށް އަޅުވައި، ފައިދާހުރި ގޮތްތައް ނިންމުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
