ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ވުރެ އުމުރުން 65 އަހަރާއި އެއަށް ވުރެ މަތީގެ މީހުންގެ އާބާދީ މުޅި ދުނިޔޭގައި އިތުރުވެއްޖެ އެވެ. އދ އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއީ އިންސާނިއްޔަތަށް އައި ވަރަށް ބޮޑު އަދި ތާރީހީ ބަދަލެކެވެ.

ކުޑަކުދިންނަށް ވުރެ އުމުރުން ދުވަސްވީ މީހުން ގިނަވުމުގެ މި ބަދަލު އެންމެ ފުރަތަމަ ފެންނަން ފަށާފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އައިއިރު، މި ދެ އުމުރުފުރާގެ މީހުންގެ އަދަދުގައި ހުރި ފަރަގު ދަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ.

މި ފަރަގު ބޮޑުވަމުން އަންނަ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމެވެ. މީގެ އިތުރުން ސިއްހީ ފަރުވާ ކުރިއަރައި، މީހުން ދުނިޔޭގައި އުޅޭ އުމުރު ދިގުވުމަކީ ވެސް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ ސަބަބެކެވެ.

ކުރިއަށް އޮތް ތާނގައި މި ބަދަލު އިތުރަށް ފުޅާވެގެންދާނެ ކަމަށް އދ އިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ ކޮންމެ ހަ މީހަކުން އެކަކީ އުމުރުން 65 އަހަރުން މަތީގެ މީހަކަށް ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މި ތަފާސްހިސާބުތަކުން ސާފުކޮށް ފެންނަ ގޮތުގައި މުޅި ދުނިޔޭގެ އާބާދީ ދަނީ ބާރު ސްޕީޑެއްގައި މުސްކުޅިވަމުންނެވެ. މި ބަދަލާއެކު ދުނިޔޭގެ އާބާދީއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް އދ ގެ ރިޕޯޓުތަކުން ދައްކަ އެވެ.