ދިރިއުޅޭ ގެ ކައިރީގައި ބަޔަކު އަޑުގަދަކުރާތީ އުނދަގޫވެގެން، މަޝްހޫރު ފިލްމީތަރި އަލީ ސީޒަން ހެނދުނުގެ ވަގުތެއްގައި މާލޭ ސިޓީ ކައުންސިލަށް ގޮސް އެތަނުގެ ސޯފާއެއްގައި ނިދައިފިއެވެ.
ސީޒަން ސިޓީ ކައުންސިލަށް ނިދަން ދިޔައީ ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެންނެވެ. އޭނާ އެތަނަށް ދިޔައިރު އަތުގައި ތުވާއްޔެއް އޮތްއިރު، ޖީބުގައި ދަތްއުނގުޅާ ބުރުހަކާއި ޝަވާޖެލް ފުޅިއެއްވެސް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޭނާއަށް އުނދަގޫވެގެން ކައުންސިލަށް ދާންޖެހުނީ، ގެ ކައިރީގައި ދަގަނޑު ކިރާ ބަޔަކު ދަގަނޑުތައް ގުޑުވައި އަދި އެފަދަ ބަރު ތަކެތި ވައްޓާލާ އަޑުގަދަވުމުގެ ސަބަބުންނެވެ. މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފުލުހުންނަށް ހުށަހަޅައިގެންވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ސީޒަން އެތަނަށް ގޮސްފައިވަނީ މޫނުމަތީގައި މާސްކެއް އަޅައިގެން ކަމަށްވުމުން، އެންމެ ފުރަތަމަ އެއީ ސީޒަންކަން ގަބޫލުކުރަން މާލޭ ސިޓީ ކައުންސިލްގެ މީހުންނަށްވެސް ދަތިވިއެވެ. ނަމަވެސް ފަހުން އެއީ އޭނާކަން އެމީހުންނަށް ކަށަވަރުވިއެވެ.
ސިޓީ ކައުންސިލްގެ ތެރޭގައި ސީޒަން އޮތްކަން އެނގުމުން، ކައުންސިލްގެ އޮފިޝަލަކު ވަނީ އޭނާއާ ވާހަކަދައްކާފައެވެ. އަދި އޭނާއަށް ދިމާވެގެން އުޅޭ އަޑުގަދަވުމުގެ މައްސަލަ ބަލައި، އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ސިޓީ ކައުންސިލުން އޭނާގާތު ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
