ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު، ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް ހުރުމަށްފަހު އަނެއްކާވެސް ކައިވެންޏެއް ކުރަން ނިންމައި އެކަން މިއަދު އިއުލާންކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ، ފޭސްބުކްގައި އާންމުކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

އާ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަކަން އިއުލާންކުރަމުން ނިއުމާ ވަނީ އޭނާ ކައިވެނިކުރަން އުޅޭ ފިރިހެން މީހާއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. ފޭސްބުކްގައި ހިއްސާކުރި މި ފޮޓޯއާއެކު އޭނާ ލިޔެފައިވަނީ އެއީ އޭނާގެ "ވާން އުޅޭ ލޯބިވާ ފިރި" ކަމަށެވެ.

މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާ، އެންމެ ފަހުން ކުރި ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ނިންމީ އިތުރު ކައިވެންޏެއް ނުކޮށް، އޭނާގެ ތިންވަނަ ކައިވެނިން ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅު މަރިޔަމް ޒޯޔާ ހަސަން ބެލުމަށް ވަގުތު ހުސްކުރުމަށެވެ.

ނިއުމާ އެންމެ ފުރަތަމަ ކައިވެނިކުރީ އިބްރާހިމް ހަބީބު އާއެވެ. އެ ކައިވެނި ރޫޅުމުން ފަހުން އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން އާ ކައިވެނިކޮށްފައެވެ. ނަމަވެސް މަދު މަސްތަކެއްގެ ތެރޭގައި އެ ކައިވެނި ވެސް ރޫޅުނެވެ. އޭގެ ފަހުން ހަސަން އިބްރާހިމް އާ ކައިވެނިކޮށްގެން އޭނާ ވަނީ ދުވަސްތަކެއް ވަންދެން އުޅެފައެވެ.

ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ތަރީގެ ގޮތުގައި ފާހަގަކުރެވޭ ނިއުމާ އަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރިއެވެ. ފަތިސްހަނދުވަރު އަދި އޭނާ ޑައިރެކްޓުކުރި ފިލްމު "ނިއުމާ" ފަދަ ކާމިޔާބު މަސައްކަތްތައް އޭނާ ކޮށްފައިވާއިރު، ގައުމީ ފިލްމު އެވޯޑާއި މޯލްޑިވްސް ފިލްމު އެވޯޑުގެ ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ. އަދި 2011 ވަނަ އަހަރު އޭނާއަށް ވަނީ ގައުމީ އިނާމު ވެސް ލިބިފައެވެ.