މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:54 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ކޭޕީއެސް ކައިރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
މިއަދު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިދިޔަ ހަފްތާގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ ހާދިސާގައި އަނިޔާވި އުމުރުން 9 އަހަރުގެ ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
