ތިލަފުށީގައި ތަރައްގީކުރާ މަލްޓި ޕާޕަސް ކޮމާޝަލް ޕޯޓް މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖ୍މަންޓް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޕީއެލްއިން މިއަދު އިއުލާންކޮށްފިއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ޕޯޓެއް ތަރައްގީކުރުމާއި، ރާއްޖޭގެ ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުކުރުމެވެ. މީގެއިތުރުން މާލޭގެ ޕޯޓަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ވެސް މި މަޝްރޫއުގެ މުހިންމު އަމާޒެކެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަމަށް ކުރިމަތިލުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ބޮޑެތި ޕޯޓު ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ގުޅުންހުރި 25 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. އަދި ފާއިތުވި 10 އަހަރު ތެރޭގައި މަދުވެގެން ތިން މަޝްރޫއު ނިންމާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބަ‏ޔާންކޮށްފައިވެއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީގައި ޕޯޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ނިންމާފައެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ނިޒާމަށް އަންނާނެ މުހިންމު އަދި ބޮޑު ބަދަލަކަށެވެ.

މި މަޝްރޫއު ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލުތައް ކޮންސަލްޓެންސީ ފަރާތް ހަމަޖެހުމާއެކު ހާމަކުރާނެ ކަމަށް ބެލެވެއެވެ.