މީޑިއާތަކުން ފޯނު ކޯލެއް ލައިވްކުރާނަމަ، އެކަން ގުޅާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.
އެ ކޮމިޝަނުން މިގޮތަށް އަންގާފައިވަނީ، ދާދި ފަހުން ރާއްޖެ ޓީވީގެ ލައިވް ޕްރޮގްރާމެއްގެ ތެރެއިން ސްޓެލްކޯގެ އެޗްއާރު މުވައްޒަފަކަށް ގުޅައި، ސަރުކާރު ހިންގާ ޕީއެންސީއަށް ކުންފުނިތަކުގެ މުވައްޒަފުން ވައްދަމުން އަންނަކަން ފަޅާއަރުވާލާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމާއި މައުލޫމާތު އެއްކުރުމުގައި ފަންނީ ޒިންމާތަކެއް އަދާކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ މީހަކީ އެ މުއާމަލާތް ބްރޯޑްކާސްޓްކުރަން އިއުތިރާޒު ނުކުރާ މީހެއްކަން ކަށަވަރުކުރުމަށާއި، ކޯލަކީ ލައިވްކުރަމުންދާ ކޯލެއްކަން އޭނާއަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"މީގެ އިތުރުން، އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ،" ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ތަކެތި ބޭނުންކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޒިންމާދާރުކަމާއެކު ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ހުރިހާ މީޑިއާތަކަކަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ސްޓެލްކޯގެ އެ މުވައްޒަފު މިހާރު ވަނީ މަގާމުން ސަސްޕެންޑުކޮށް، އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
