ރާއްޖޭގައި ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމާ އިން މުޅި ރާއްޖޭގައި ހުރި އެ ކުންފުނީގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފިއެވެ. މި ނިޒާމުގެ ދަށުން ފާމަސީއަކަށް ދާ ބަލިމީހާއަށް ބޭނުންވާ ބޭސް އެތަނުގައި ނެތްނަމަ، ދެން އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއް ފަސޭހަކަމާއެކު އަންގައިދެވޭނެއެވެ.
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވި ގޮތުގައި، މިހާތަނަށް އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެފައި އޮތީ މާލެ އާއި އަތޮޅުތެރޭގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ދެނެގަނެވޭނެ ރަނގަޅު ގޮތެއް ނެތުމެވެ. އެހެންކަމުން އަލަށް ފެށި މި ޑިޖިޓަލް ނިޒާމަކީ މުޅި ރާއްޖޭގެ ސްޓޮކް ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ތެރެއިން އާންމުންނަށް ވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ސީދާ ފޯނު މެދުވެރިކޮށް ފާމަސީތަކުގެ ބޭސް ސްޓޮކް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޝާހް ވިދާޅުވިއެވެ. އަދި ރާއްޖެއިން މުޅިން ހުސްވެފައިވާ ބޭހެއްނަމަ، ލަސްނުކޮށް އެ ބޭހަކަށް އޯޑަރު ޖަހައިދިނުމުގެ ހިދުމަތް ވެސް ފާމަސީތަކުން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭސް އެތެރެކުރުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ތިން ކުންފުންޏަކާ އެކު ސްޓޭޓް ފާމާއިން ވަނީ އެއްބަސްވުންތަކެއް ހަދާފައެވެ. އަދި އިތުރު ކުންފުނިތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނައިރު، މެދުނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރިއަށް އޮތް އަހަރަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް ޝާހް ވިދާޅުވީ، މިހާރު ކުރިއަށްދާ އިދާރީ އަދި ލޮޖިސްޓިކްސް މަސައްކަތްތަކާ އެކު، އަންނަ އަހަރުގެ މެދުތެރޭގައި ބޭހުގެ މައްސަލައަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
