ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށް އެހީތެރިވުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ފައިނޭންސް މިނިސްޓްރީގައި މިއަދު ސޮއިކޮށްފިއެވެ.

މިއަހަރުން ފެށިގެން 2031 ވަނަ އަހަރުގެ ނިޔަލަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލް-އާމާއެވެ. މިއީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓްރޭޑް ފައިނޭންސް ފެސިލިޓީތައް ހަމަޖައްސައިދިނުމަށް ވެވުނު މުހިންމު އެއްބަސްވުމެކެވެ.

މި ފްރޭމްވޯކްގެ ދަށުން ރާއްޖެއަށް ޒަރޫރީ މުދާ އިމްޕޯޓުކުރުމުގެ އިތުރުން، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. ހަމައެއާއެކު، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ އުފެއްދުންތައް އިންޓަނޭޝަނަލް މާކެޓުތަކަށް ނެރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އައިޓީއެފްސީން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި، ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކުރި އެހީތެރިކަން މިހާރު ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދެމުންދާ ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީއެފްސީން 2019 އިން 2024 އަށް ރާއްޖެއާއެކު ހެދި ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. އެ ކޯޕަރޭޝަނުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު، އައިޓީއެފްސީގެ ސީއީއޯ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރައްވައި އިގުތިސާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.