ރާއްޖޭގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވަމުންދާތީ، އެ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ. މީގެ ތެރޭގައި މާ ގިނައިން ހޮޑުލެވުމާއި، ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރަން އުނދަގޫވުމާއި، ބޮލަށް އެނބުރުން އެރުން ހިމެނެއެވެ. އަދި އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބަނޑުގައި ގަދަޔަށް ރިއްސުމުގެ އިތުރުން ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުމާއި ކުޑަކަމުދެވޭ މިންވަރު މަދުވުމަކީ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ސަބަބުތައް ކަމަށް އެ އެޖެންސީން ބުނެއެވެ.

ގޭގައި ދެވިދާނެ ފަރުވާތަކަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނީ، ބޭރަށް ހިންގާ ނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އެގޮތުން ގިނަގިނައިން ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެހެންކަމުން، ފާހާނާ ބޭނުންކުރުމަށް ފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި، ފާހާނާ ތެރެ ރަނގަޅަށް ސާފުކޮށް ސެނިޓައިޒް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ބަލި ފެތުރުން ކުޑަކުރުމަށްޓަކައި، ބަލީގެ އަލާމާތްތައް ފިލައިދާ ފަހުން ވެސް މަދުވެގެން 48 ގަޑިއިރު ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ވަޒީފާއަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރެވެން އޮތީ އާންމު ފަރުދުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.