އެމެރިކާގެ ކަނެޓިކަޓް ސްޓޭޓަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނަކު، އޭނާގެ އަނބިމީހާ ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާތީ 62 އަހަރު ވަންދެން ބީރަކަށް ހެދިގެން އުޅުނު ކަމަށް ބުނާ ވަރަށް ތަފާތު ވާހަކައެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ. މި ވާހަކައިގައި ބުނެފައިވާ ގޮތުން، މި މީހާގެ މި ބޮޑު ސިއްރު ފަޅާއެރުމާ ގުޅިގެން އޭނާގެ އަނބިމީހާ ވަނީ ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ވައިރަލްވެފައިވާ މި ވާހަކައިގައި ބުނެފައިވަނީ، ބެރީ ޑޯސަން ނަމަކަށް ކިޔާ މި މީހާ އޭނާގެ އަނބިމީހާ ޑޮރޮތީއާ އެކު އުޅުނު 62 އަހަރުގެ ތެރޭގައި އެންމެ ބަހެއް ވެސް އަނގައިން ބުނެފައި ނުވާ ކަމަށެވެ. އަދި ފިރިމީހާއާ މުއާމަލާތު ކުރުމަށްޓަކައި އަނބިމީހާ ވަރަށް އުނދަގުލުން ސައިން ލޭންގުއޭޖް ވެސް ދަސްކުރި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭނާ ބީރަކަށް ހެދިގެން އުޅުނުކަން ފަޅާއެރީ، ބާރެއްގެ ތެރޭގައި އޭނާ ކަރޯކޭ ލަވަކިޔަން ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ޔޫޓިއުބުން އަނބިމީހާއަށް ފެނުމުންނެވެ.
ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތް ފޭކް ހަބަރެއްކަން ދުނިޔޭގެ މަޝްހޫރު ފެކްޓް-ޗެކް ކުރާ ވެބްސައިޓުތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ސްނޯޕްސް ފަދަ ފެކްޓް-ޗެކް ކުރާ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި "ވޯލްޑް ނިއުސް ޑެއިލީ ރިޕޯޓް" ނަމަކަށް ކިޔާ ވެބްސައިޓަކުން އުފައްދައިގެން ފަތުރާފައިވާ ދޮގު ހަބަރެކެވެ. މިއީ މީހުންނަށް އޮޅުވާލައި، މަޖާކުރުމުގެ ބޭނުމުގައި ސަމާސާ ވާހަކަ ލިޔާ ވެބްސައިޓެކެވެ.
މިކަމާ ގުޅިގެން "ވޯލްޑް ނިއުސް ޑެއިލީ ރިޕޯޓް" ވެބްސައިޓުގެ ޑިސްކްލެއިމާގައި ބުނެފައިވަނީ، އެ ވެބްސައިޓުގައި ޝާއިއުކުރާ ހުރިހާ އާޓިކަލްތަކަކީ ވެސް ހިޔާލީ އަދި ސަމާސާއަކަށް ލިޔެފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި އެ ލިޔުންތަކުގައި ބޭނުންކޮށްފައިވާ ކެރެކްޓަރުންނާއި މީހުންނަކީ ވެސް ހަގީގީ ބައެއް ނޫން ކަމަށާއި، އެއީ މީހުން މުނިފޫހިފިލުވުމަށް އުފައްދާފައިވާ އެއްޗެހިތަކެއް ކަމަށް ވެސް އެ ވެބްސައިޓުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ދޮގު ހަބަރުގައި ބޭނުންކޮށްފައިވާ ދެމަފިރިންގެ ފޮޓޯއަކީ އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ ހަގީގީ ދެމަފިރިއެއްގެ ފޮޓޯއެކެވެ. އެއީ 67 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު، ފިރިމީހާ އެހެން އަންހެނަކާ ގުޅުން ހިންގިކަމަށް ބުނެ 2017 ވަނަ އަހަރު ވަރިވި ބާޓް އަދި ލޫސީލް ހެންޑެލްސްމަންގެ ފޮޓޯއެކެވެ. އެހެންކަމުން އެ މީހުންގެ ވަރީގެ މައްސަލައާ ބީރުވުމާ އެއްވެސް ގުޅުމެއް ނެތްކަން ވަނީ ސާބިތުވެފައެވެ.
