މަޝްހޫރު އިސްލާމީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު މިފަހުން އާންމުކުރި ދަރުހެއްގައި، ބުޅަލެއް މީހަކާ ގާތްވުމަކީ އެމީހެއްގެ ހިތުގައިވާ ހަމަޖެހުމާއި ﷲ ފޮނުއްވާ ރަހުމަތެއްގެ ނިޝާނަކަށް ވެދާނެ ކަމަށް ބުނެފިއެވެ. އޭނާ މިކަން ފާހަގަކޮށްފައިވަނީ އިސްލާމްދީނުގައި ޖަނަވާރުންނަށް އޯގާތެރިވުމަށް އަންގާފައިވާ މިންވަރާއި، ބުޅާ ވަކި މީހުން ހިޔާރުކުރާ ސަބަބާ ގުޅޭގޮތުން މައުލޫމާތު ދެމުންނެވެ.

ބުޅަލަކީ މީހާގެ މުއްސަނދިކަމާއި، ސިފައާއި، ނުވަތަ މުޖުތަމައުގައި އޮންނަ މަގާމަށް ބަލައިގެން މީހުން ކައިރިއަށް ދާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ބުޅަލަކީ މީހާގެ އެތެރެހަށީގައިވާ ހަމަޖެހުމާއި، މަޑުމައިތިރިކަމާއި، ސަކީނަތް އިހުސާސްކުރާ އެއްޗެއް ކަމަށް މުފްތީ މެންކު ބުނެފައިވެއެވެ. އެގޮތުން ހިތްހަމަޖެހުމާއި އޯގާތެރިކަން ހުންނަ މީހުންގެ ގާތަށް ބުޅާ ދިއުމަށް ލޯބިކުރާއިރު، ރުޅިގަދަ އަދި ހާސްކަން ބޮޑު މީހުންނާ ބުޅާ ދުރުހެލިވެއެވެ.

އިސްލާމްދީނުގައި ބުޅަލަށް ވަނީ ހާއްސަ ގަދަރަކާއި ކުލުނެއް ދީފައެވެ. ކީރިތި ރަސޫލާ ﷺ ބުޅަލަށް ނުހަނު ބޮޑަށް އޯގާތެރިކަން ދެއްކެވިކަމާއި، އެކަލޭގެފާނުގެ ހެދުންކޮޅެއްގެ މަތީގައި ބުޅަލެއް ނިދާފައި އޮތުމުން، އެ ބުޅަލަށް އުނދަގޫ ނުކުރުމަށްޓަކައި ހެދުންކޮޅުގެ އެބައި ކަނޑާލެއްވި ހާދިސާއަކީ މީގެ އަލިގަދަ ހެއްކެކެވެ. ހަމައެއާއެކު، ރަސޫލާ ﷺ ގެ އަސްހާބު ބޭކަލެއް ކަމަށްވާ އަބޫ ހުރައިރާއަށް އެ ނަން ދެވިފައިވަނީ ވެސް ބުޅަލަށް ބެހެއްޓެވި ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ.

ބައެއް ފަހަރު މީހާ ދެރަވެފައި ނުވަތަ ހާސްވެފައި ހުންނަ ވަގުތުތަކުގައި ބުޅަލެއް އައިސް ގާތްވެލުމަކީ އިއްތިފާގެއް ނޫނެވެ. މުފްތީ މެންކު ފާހަގަކުރި ގޮތުގައި، މިއީ ހިތާމައިގެ ވަގުތުގައި الله ގެ ކިބައިން ފޮނުއްވާ ރަހުމަތެއް ނުވަތަ ހިތްހަމަޖެހުމެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބުޅަލެއް މީހަކާ ގާތްވުމަކީ އެމީހެއްގެ ހިތުގައިވާ އޯގާތެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އެއީ الله އެމީހެއްގެ ހިތް މަޑުމައިތިރިކޮށްދެއްވާފައިވާ ކަމުގެ އަލާމާތެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ބުޅަލެއް ތިބާއާ ގާތްވެއްޖެނަމަ، އެއަށް އޯގާތެރިވެ ކާންބޯންދީ ހެދުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ ނިކަމެތި މަހުލޫގަކަށް ތިބާގެ ކިބައިން ރައްކާތެރިކަން އިހުސާސްކުރެވޭނެ ފަދަ އޯގާތެރި ހިތެއް ދެއްވިކަމަށްޓަކައި الله އަށް ޝުކުރުކުރުމަށް މުފްތީ މެންކު އިލްތިމާސްކުރިއެވެ. ކުޑަކުދިންނަށް ވެސް ޖަނަވާރުންނަށް އޯގާތެރިވާން ދަސްކޮށްދިނުމަކީ، މުސްތަގުބަލުގައި އިންސާނުންނަށް ވެސް އޯގާތެރިވާނެ ބަޔަކަށް އެކުދިން ވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.