މިއަދުގެ އިރު އޮއްސުމާއެކު ހިޖްރީ ސަނަތުން 1442 ވަނަ އަހަރުގެ ހައްޖު މަހުގެ 29 ވަނަ ދުވަސް ފުރިހަމަވުުމުން އިސްލާމީ ގިނަ ގައުމުތަކުގައި މުހައްރަމް މަހުގެ ހަނދު ބެލުމަށްވަނީ ގޮވާލާފައެވެ.
އިސްލާމީ އަހަރުގެ މަސްތައް ފުރިހަމަ ކުރަނީ ހަނދުމަހަށް ބަލައިގެންނެވެ.

ރަސްމީ ގޮތުން ހަނދު ސާބިތުވުމުން ފެށިގެންދާ މުހައްރަމް މަހާއެކު ފެށިގެންދާނީ ހިޖްރީ ސަނަތުން 1443ވަނަ އަހަރެވެ.

ހަނދު ސާބިތުނުވެއްޖެނަމަ ހައްޖުމަހުގެ 30 ދުވަސް ހަަަމަކުރުމަށްފަހު އައު އަހަރު ފެށޭނީ 9 އޯގަސްޓުގެ އިރު އޮއްސުމުންނެވެ. މިގޮތަށް ހަނދު ސާބިތުކުރުމުގައި ރަމަޟާން މަހު އެކި ގައުމުތަކުގެ މެދުގައި ހިލާފު ހުރިނަމަވެސް އާއްމުކޮށް މުހައްރަމް މަސް ފެށުމުގައި ގިނަ ގައުމުތަކުން ބަލަނީ ސައުދީ އަރަބިއްޔާގެ ހަނދު ކޮމިޓީގެ ނިންމުމަށެވެ.

މުހައްރަމް  މަސް ފެށޭ ދުވަސް ކަނޑަ އެޅުމާއެކު އާޝޫރާ ދުވަސްވެސް ކަނޑައެޅެއެވެ. އެއީ މުހައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހަކީ މޫސާގެ ފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ފިރުއައުނުގެ ކިބައިން ސަލާމަތްވި ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެވެ. އަދި ހަމަ އެދުވަހަކީ ކީރިތި ރަސޫލާ މުހައްމަދު ސލއވގެ ކާފަދަރިކަލެއްކަމުގައިވާ ހުސައިން އިބްނު އަލީ ޝަހީދުވެވަޑައިގެން ދުވަހެވެ. މިދުވަހުގެ މާތްކަމާމެދު އިސްލާމީ މަޒުހަބުތަކުގެ މެދުގައި އެކި ގަބޫލުކުރުންހުރިނަމަވެސް މިއީ ގިނަ މުސްލިމުން ރޯދަ ހިފާ ދުވަހެކެވެ.

އިސްލާމީ ކަލަންޑަރު ނުވަތަ ހިޖުރީ ކަލަންޑަރު ގުނަން ފެށުނީ މުހައްމަދުގެ ފާނާއި އެކަލޭގެފާނުގެ މިއްލަތަށް އެންމެ ފުރަތަމަ ތަބާވި މުސްލިމުން މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވި އަހަރުންނެވެ. މި 320 ކިލޯމީޓަރުގެ ހިޖުރަކުރެވުނުކަމަށް ބެލެވެނީ ޖޫލިއަން ކަލަންޑަރުން 662 ސީއީ ގައެވެ.