މަސްމަހާމެހި، ކަނޑުމަހުގެ ބާވަތްތަކާއި ޕްރޮޓީން ގިނަ ކާނާގައި ތަބީއީގޮތުން އެކުލެވޭ އަދި ސިކުނޑީގެ ހަނދާންގަދަކުރުމަށާއި ވިސްނުން ތޫނުކުރުމަށް ސަޕްލިމެންޓްގެ ގޮތުގައި ބޭނުންކުރާ އެމިނޯ އެސިޑެއް ކަމަށްވާ "ޓައިރޯސިން" ލޭގައި ގިނަވުމަކީ ފިރިހެނުންގެ އުމުރު ކުރުވާ ކަމެއްކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. އިމްޕެކްޓް ޖާނަލްސް އިން އާންމުކޮށްފައިވާ މި ދިރާސާއަކީ 270،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހިންގާފައިވާ ބޮޑު ދިރާސާއެކެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ މީހުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައިގެން ހޯދާފައިވާ މައުލޫމާތާއި ޖެނެޓިކް އެނަލިސިސް ބޭނުންކޮށްގެން ޓައިރޯސިންގެ އަސަރު ދެޖިންސުގެ މީހުންނަށް ކުރާގޮތް ވަކިވަކިން ދިރާސާކޮށްފައެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ލޭގައި މި އެސިޑް އެކުލެވޭ މިންވަރު މަތިވުމަކީ ފިރިހެނުންގެ ދިރިއުޅުމުގެ އުމުރުން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް އުނިވެގެންދާނެ ކަމެކެވެ. ނަމަވެސް، އަންހެނުންގެ އުމުރަށް މީގެއިން އެއްވެސް ނޭދެވޭ އަސަރެއް ކުރާކަމަކަށް މި ދިރާސާއަކުން ދައްކާފައެއް ނުވެއެވެ.

ޓައިރޯސިންއަކީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ އެކި ބާވަތްތަކުން ތަބީއީކޮށް ލިބޭ މާއްދާއަކަށް ވީނަމަވެސް، ގިނަ މީހުން މިއަދު ސިކުނޑީގެ މަސައްކަތްތައް ހަލުވިކުރުމަށާއި ސަމާލުކަން ދިނުން އިތުރުކުރުމަށްޓަކައި މީގެ ސަޕްލިމެންޓް ވަކިން ބޭނުންކުރެއެވެ. އެހެންކަމުން، ސިކުނޑިއަށް ފައިދާހުރި މާއްދާއެއްގެ ގޮތުގައި މަގުބޫލުވެފައިވާ މި އެމިނޯ އެސިޑް ސަޕްލިމެންޓެއްގެ ގޮތުގައި ގިނައިން ބޭނުންކުރުމަކީ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަން މާހިރުން ފާހަގަކުރެއެވެ.

މި ހޯދުމާއެކު، ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ކޮންމެ ސަޕްލިމެންޓެއް ވެސް ބޭނުންކުރުމުގެ ކުރިން ދުރާލާ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށެވެ. ހާއްސަކޮށް ފިރިހެނުން ސިކުނޑީގެ ބާރުގަދަކުރާ މާއްދާތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާންޖެހޭކަން މި ދިރާސާއިން އެނގިގެންދާއިރު، ގުދުރަތީ ކާނާއިން ލިބޭ މާއްދާތަކަށް އިސްކަންދިނުމަކީ ސިއްހަތަށް އެންމެ ރައްކާތެރި ގޮތެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.