ރާއްޖޭގައި އާންމުކޮށް ހިލޭ ދެމުން އަންނަ އާސަންދައިގެ ހިދުމަތް ދިނުމުގެ އުސޫލަށް ބަދަލު ގެނެސް، މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން މުޅިން ހިލޭ އާސަންދަ ނުލިބޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މި ބަދަލު ގެންނަން ނިންމީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހަރަދެއް ކުޑަކުރުމުގެ މަގުސަދުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިންކަމް ޓެކްސް ދައްކާ ފަރާތްތަކާއި މުއްސަނދިންނަށް އާންމު ރައްޔިތުންނެކޭ އެއްގޮތަށް ހުރިހާ ހިދުމަތެއް މުޅިން ހިލޭ ލިބެން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން، މި އާ ބަދަލާއެކު ބޮޑު އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިބޭނީ ކޯ-ޕޭ ނުވަތަ ޕްރީޕެއިޑް ނިޒާމެއްގެ ދަށުން ވަކި އަދަދަކަށް ފައިސާ ދައްކައިގެންނެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. އެގޮތުން، އަންނަ 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް މި ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރާނީ ރައްޔިތުންނަށް ބޭނުންތެރި އެހެން މުހިންމު ކަންކަމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިދެންނެވި ގޮތަށް 60 ހާހުން މައްޗަށް، އާމްދަނީ ލިބޭ ފަރާތްތަކަށް ޓާގެޓްކޮށް އާސަންދަ ލިމިޓް ކުރުމުން، ކޯ-ޕޭ އަދި ޕްރީޕެއިޑް ނިޒާމުގެ ތެރެއިން ދިޔައީމަ ހަރަދު ކުޑަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މި ބަދަލުތައް ތަންފީޒު ކުރުމާ ގުޅޭ އިތުރު ތަފުސީލުތައް ފިނޭންސް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެއެވެ. ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ދައުލަތް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް އިސްލާހުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
