ސަރުކާރުގެ ހަރަދު ކުޑަކުރުމަށާއި ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި، ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެހެން ކުންފުނިތަކަކާ އެއްކޮށްލަން ސަރުކާރުން ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާ އެއްކޮށްލުމަށް އަދި އާރްޑީސީ އުވާލުމަށްފަހު އެމްޓީސީސީއާ އެއްކޮށްލަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ.
ފެނަކަ އުވާލަން ނިންމެވި ސަބަބުތައް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންވެސް ފެންނަން އޮތް ކަމަށެވެ. އެ ކުންފުނި ހަމަމަގަށް އަޅުވައި ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ފަންނީ ބޭފުޅުން ލަފާދެއްވާފައިވަނީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ ފެނަކަ އުވާލައި ސްޓެލްކޯއާއި އެއްކޮށްލަން. އެހެންމަ މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން މި ޕްރޮސެސް ނިމުނީމަ. ފެނަކައިގެ މުޅި މަސައްކަތް ސްޓެލްކޯއަށް ބަދަލުކޮށް ފެނަކަ އުވާލެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އާރްޑީސީ އުވާލުމާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވީ އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ މަގުހެދުމުގެ މަސައްކަތް ކަމަށާއި، އެމްޓީސީސީއަކީވެސް މަގު ހެދުމާއި އެހެނިހެން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ދެ ކުންފުނިން އެއް މަސައްކަތްތަކެއް ކުރަމުންދާތީ ހަރަދު ބޮޑުވެ، މަސައްކަތްތައް ތަކުރާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލާއެކު އުމްރާނީ މަސައްކަތްތައް މާ ހަލުވިކޮށް އަދި އެފިޝިއެންޓްކޮށް ކުރިއަށް ގެންދެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ދެ ކުންފުނި އެއްކޮށްލުމުން އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ އިތުރުވެ، އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރުން، ދައުލަތުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މި މަރުހަލާގެ ތެރެއިން، ކުންފުނިތަކުގައި ތިބި އިތުރު މުވައްޒަފުންގެ އަދަދުވެސް މަދުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
