ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ ހޯދައި، އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާތައް އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ސަރުކާރުގެ މި ނިންމުމާއެކު ދިރާގުގެ 51 ޕަސަންޓު ހިއްސާ ސަރުކާރުގެ ދަށަށް ގެނައުމަށާއި، ފެން ކުންފުނި އެމްޑަބްލިޔުއެސްސީއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ތަނަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިކަން ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދައުލަތް ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި، މިއީ ގައުމުގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެ ކުންފުނީގެ 20 ޕަސަންޓު ހިއްސާ އަނބުރާ ގަނެ، އެއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. މި ބަދަލަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު އޮތް ގޮތުން ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ ކަމަށްވާއިރު، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ތަމްސީލުކުރަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގެ 80 ޕަސަންޓު ހިއްސާ ދިވެހި ސަރުކާރުން ތަމްސީލުކުރާއިރު، ބާކީ 20 ޕަސަންޓު ހިއްސާ މިހާރު އޮންނަނީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ހިޓާޗީ ގްރޫޕުގެ އަތުގައެވެ.
