ރީ-އެމްޕްލޯއިމަންޓްގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ގަވާއިދު އެ އޮތޯރިޓީން މިއަދު އާންމުކޮށްފިއެވެ. އެމްއެމްއޭއިން ބުނީ މި ގަވާއިދުގެ ދަށުން އެ އިދާރާގައި އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.
އެ އިދާރާއިން އާންމުކުރި ގަވާއިދުގައިވާ ގޮތުން، މި އުސޫލުން މީހުން ވަޒީފާއަށް ނަގާނީ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ކުރިއަށް ގެންދާނީ އަހަރުން އަހަރަށް އާ ކުރާ ގޮތަށެވެ. މީގެއިތުރުން، މި ފުރުސަތު ލިބޭނީ އުމުރުން 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސް ދުވަސް އޮތް ފަރާތްތަކަށް ކަމަށްވެސް އެމްއެމްއޭ އޮފީހުން ބުންޏެވެ.
އެމްއެމްއޭގެ ދާއިމީ މުވައްޒަފަކު ރިޓަޔަކުރުމުގެ އުމުރު ހަމަވުމަށްފަހުވެސް ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. މި އުސޫލުގެ ދަށުން އަލުން ވަޒީފާ ހަމަޖައްސައިދޭއިރު، އެ މީހަކު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމެއްވެސް ދެވިދާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މަސްއޫލިއްޔަތު ބަދަލުކޮށް، މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނެސްގެންވެސް ވަޒީފާ ހަމަޖެއްސިދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި އުސޫލުން އަލުން ވަޒީފާ ހަމަޖެހުމަށްފަހު، އެ ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކުން 21 ދުވަހުގެ ނޯޓިސް ދޭންޖެހޭނެއެވެ. އަދި މި ގަވާއިދުގެ ދަށުން ވަޒީފާއަށް ވަންނަ މީހުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގަވަރުނަރެވެ.
ރީ-އެމްޕްލޯއިމަންޓް ގާނޫނަކީ އުމުރުން 65 އަހަރުވުމުން ރިޓަޔަކުރަން ޖެހުނު ނަމަވެސް، މަސައްކަތުގެ ތަޖުރިބާއާއި ގާބިލުކަން ހުރެގެން އިތުރަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ވުޖޫދުކޮށްފައިވާ ގާނޫނެކެވެ. އެމްއެމްއޭއިން މި ގަވާއިދު އެކުލަވާލުމުން އެ އިދާރާގެ ތަޖުރިބާކާރު މުވައްޒަފުންގެ ބޭނުން ދިގު މުއްދަތަކަށް ހިފުމަށް މަގުފަހިވެގެންދާނެއެވެ.
