މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނެސް، އިޖުތިމާއީ ގޮތުން ކޮށްދެއްވާފައިވާ ދިގު މުއްދަތުގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އިންޓަނޭޝަނަލް އެވޯޑެއް ކަމަށްވާ "ޝީ ފޯ ދަ ނޭޝަން ސީޒަން 2" އެވޯޑު ލިބިވަޑައިގެންފިއެވެ. މި އެވޯޑު އޭނާއަށް ދީފައިވަނީ އެނިއެލްޕް ގްރޫޕުގެ ފަރާތުންނެވެ.
މި އެވޯޑާ ގުޅިގެން ޝިދާތާ ވިދާޅުވީ، މިއީ އޭނާއަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ، މުޖުތަމައުގައި އަޑު އުފުލަންޖެހޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، މީހުން ބާރުވެރިކުރުވުމަށާއި ހެޔޮ ބަދަލުތައް ގެނައުމަށް އޭނާ ކުރައްވާފައިވާ ދިގު ދަތުރު ކަމަށްވެސް ޝިދާތާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތައް ކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެނިއެލްޕް ގްރޫޕުން ހުޅުވާލާފައިވާ ޕްލެޓްފޯމަށް ޝިދާތާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެވޯޑުތަކުގެ ސަބަބުން، މުޖުތަމައަށް ފައިދާހުރި މުހިންމު މަސައްކަތްތައް ކުރުމުގައި ދެމިތިބުމަށް މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އެވޯޑަކީ ހަމައެކަނި އަޅުގަނޑުގެ ދަތުރުގެ އަގުވަޒަންކުރުމެއް ނޫން. މިއީ މުޖުތަމައަށް ހިދުމަތްކުރުމުގައާއި، ހައްގުތަކަށް ވަކާލާތުކުރުމުގައި ދެމިހުރުމަށް އަދި މުޖުތަމައު އިތުރަށް ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް ހަނދާންކޮށްދޭ ޒިންމާއެއް،" ޝިދާތާގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
މި ޝަރަފުވެރި އެވޯޑު ޝިދާތާ ހާއްސަކުރެއްވީ އޭނާގެ މި ދަތުރުގައި އެކި ގޮތްގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށެވެ. މީގެ އިތުރުން، މި އެވޯޑު އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެނިއެލްޕް ގްރޫޕުގެ ކޯ ފައުންޑަރު ޕޫޖާ ޝްރީއަށްވެސް ޝިދާތާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
