ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތަކަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ އެންމެ ފަހުގެ ޒަމާނީ ފީޗާތަކާއެކު ތައްޔާރުކޮށްފައިވާ "ސީޖީ ބްރިޖް" އެޕްލިކޭޝަން ރާއްޖޭގެ ބައެއް މީޑިއާތަކުން މިހާރު ބޭނުންކުރަން ފަށައިފިއެވެ. މިއީ ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކުގެ ހަބަރުތަކާއި ގްރެފިކްސްގެ މަސައްކަތްތައް އެއްތަނަކުން ފަސޭހަކަމާއެކު މެނޭޖުކުރުމުގެ މަގުސަދުގައި ތައާރަފުކުރި އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަންގެ ބޭނުން މިހާރުވެސް ތީރު މީޑިއާ އާއި ސަންގު ފަދަ ޗެނަލްތަކުން އަންނަނީ ހިފަމުންނެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ފަދަ ބޮޑެތި ޗެނަލްތަކުން ވެސް އަންނަނީ މި ސިސްޓަމް ބޭނުންކުރުމާ ގުޅޭގޮތުން އެޕްގެ ޑިވެލޮޕަރު މޫސާ ޝިފާޒު (ޝިއްޕެ) އާއެކު މަޝްވަރާކުރަމުންނެވެ. މިއީ މީޑިއާތަކުގެ އެތެރޭގެ ހުރިހާ މަސައްކަތެއް ވަރަށް ފުރިހަމައަށް ގުޅުވައިދޭނެ ވަސީލަތެކެވެ.

ނިއުސްރޫމްގެ އާންމު މަސައްކަތްތަކަށް ބަލާއިރު، ސީޖީ ބްރިޖްގައި ހިމެނޭ "ނިއުސް މެނޭޖްމަންޓް" ފީޗާ މެދުވެރިކޮށް ހަބަރުތައް ލިޔެ ފަސޭހައިން ރައްކާކުރެވޭނެއެވެ. އަދި "ބުލެޓިންސް" މެދުވެރިކޮށް ހަބަރު ގަޑިތައް ތާވަލުކޮށް، "ޕްރޮމްޕްޓާ" ފީޗާ ބޭނުންކޮށްގެން ޕްރެޒެންޓަރުންނަށް ސްކްރީނުން ލިޔުންތައް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މީގެ އިތުރުން "އޮން އެއާ" ފީޗާއިން ބްރޯޑްކާސްޓް ކުރެވެމުންދާ ކޮންޓެންޓް ވަގުތުން މޮނިޓާ ކުރެވޭނެއެވެ.

ޓީވީ ސްކްރީނަށް އަރާ ލިޔުންތަކާއި ގްރެފިކްސް ކޮންޓްރޯލް ކުރުމަށްވެސް މި އެޕްލިކޭޝަންގައި ވަނީ ފުރިހަމަ ފީޗާތަކެއް ދީފައެވެ. އެގޮތުން "ސީޖީ ކޮންޓްރޯލް" އާއި "ސީޖީ ޕްލޭގްރައުންޑް" ބޭނުންކޮށްގެން ލައިވްކޮށް ގްރެފިކްސް ބަދަލުކޮށް ޓެސްޓު ކުރެވޭއިރު، "މެނޭޖް ބާސް" މެދުވެރިކޮށް ސްކްރީންގެ ތިރިއަށް އަރާ ލިޔުންތައް ފަސޭހައިން މެނޭޖު ކުރެވެއެވެ. އަދި "އޮން އެއާ ލޮގް" ފީޗާއިން، ޕްރޮގްރާމްތަކުގައި ދިޔަ ހުރިހާ މައުލޫމާތެއްގެ ރެކޯޑުތައް ފަސޭހަކަމާއެކު ބެލެހެއްޓޭނެއެވެ.

މި އެޕްލިކޭޝަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ "އޯރިއޮން" ގެ ނަމުގައި ހިމަނާފައިވާ ހާއްސަ ފީޗާއެވެ. މިއީ ޕްރެސް ކޮންފަރެންސްތަކާއި އެކި ބޭފުޅުން ދެއްވާ ސްޕީޗުތަކުގެ ވީޑިއޯތައް ސިސްޓަމަށް އެޅުމުން، އޭގައި ހިމެނޭ އެންމެ މުހިންމު ވާހަކަތައް އަމިއްލައަށް ދެނެގަންނަ ނިޒާމެކެވެ. އަދި އެ ވާހަކަތަކުން ކުރު ވީޑިއޯ ކްލިޕްތައް އޮޓޯއިން ތައްޔާރުކޮށް، ދިވެހި ބަހުން ސަބްޓައިޓަލް އަރުވައިދިނުމުގެ ގާބިލުކަން ވެސް އޯރިއޮންއަށް ލިބިގެންވެއެވެ. މިއީ މިފަދަ ޓެކްނޮލޮޖީއެއް ރާއްޖޭގެ މީޑިއާއަކަށް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ސީޖީ ބްރިޖްގައި ވަނީ ރާއްޖޭގެ މާހައުލަށް ހާއްސަކޮށްގެން ފޭސް ރެކޮގްނިޝަން ނުވަތަ މޫނުން މީހުން ދެނެގަންނަ ނިޒާމެއް ވެސް ހިމަނާފައެވެ. މި ނިޒާމު މެދުވެރިކޮށް، ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ފަސޭހަކަމާއެކު ދެނެގަނެ, އެމީހުންނާއި ގުޅޭ ކޮންޓެންޓުތައް ވަކިކަވިން އާަކައިވް ކުރުމުގެ ފުރުސަތުވެސް ލިބެއެވެ.

މި އެޕްލިކޭޝަނަކީ ހަމައެކަނި ބްރޯޑްކާސްޓް ކުރުމަށް އޮތް ވަސީލަތެއް ނޫނެވެ. މީޑިއާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވަޒީފާތަކަށް އިއުލާނުކޮށް، އެ ވަޒީފާތަކަށް މީހުންނަށް އެޕްލައި ކުރެވޭނެ ނިޒާމުވެސް ސީޖީ ބްރިޖް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ މީޑިއާތަކުގެ އެޗްއާރް މަސައްކަތްތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ޓީވީ ޗެނަލްތަކުގެ ކޮންޓްރޯލް ރޫމްތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ސިސްޓަމްތައް ވަކިން ގެންގުޅެން ޖެހުމެވެ. ނަމަވެސް ސީޖީ ބްރިޖާއެކު، ކްލައުޑް ޑޭޓާ ޕްރޮސެސް ކުރުމުން ފެށިގެން ގްރެފިކްސް ސިސްޓަމްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާ ހަމައަށް ހުރިހާ ކަމެއް ވަނީ އެއް ވިއުގައަކުން ގުޅާލެވިފައެވެ. މިއީ ރާއްޖޭގެ މީޑިއާގެ ކުރިމަގު ބައްޓަންކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.