މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކޮށްފައިވާ ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް، ނިމިދިޔަ އޮގަސްޓު މަހު ރާއްޖެއިން ބޭރަށް 394 ޓަނަށް ވުރެ ގިނަ މުދާ ފޮނުވައިފި އެވެ.

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 394.53 ޓަނުގެ މުދާ ވަނީ އެކި ގައުމުތަކަށް ފޮނުވާފަ އެވެ.

ކަނޑުމަގުން ރާއްޖެ ގެނައުމަށް ފަހު، ވައިގެ މަގުން އެހެން ގައުމުތަކަށް މުދާ ފޮނުވުމަށް އެމްޕީއެލް އިން ފަށާފައިވާ މި ހިދުމަތުގެ ދަށުން، އޮގަސްޓު މަހު ވަނީ 89 ކޮންޓެއިނަރު (ޓީއީޔޫއެސް) ގެ މުދާ ބޭރުކޮށްފަ އެވެ. މިއީ ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރީގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.
މި މުދާތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް އޭވިއޭޝަން ދާއިރާގެ ބޮޑެތި އަދި މަޝްހޫރު އެއާލައިންތަކެއް ވަނީ ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި އެއާ އަރަބިއާ، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، ސްވިސް އެއާލައިންސް އަދި ޓާކިޝް އެއާލައިންސް ހިމެނެ އެވެ. މިއީ މި ހިދުމަތަށް އިންޓަނޭޝަނަލް ފެންވަރުގައި ލިބިފައިވާ އިތުބާރު އަންގައިދޭ ކަމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމްޕީއެލްގެ ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް ދުނިޔޭގެ 12 ގައުމަކަށް ވަނީ މުދާ ފޮނުވާފަ އެވެ. މީގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ގައުމުތައް ކަމަށްވާ ފްރާންސް، ޖަރުމަނު، އިޓަލީ، ސްޕެއިން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ.

މި ހިދުމަތަކީ ބޭރުގެ ގައުމުތަކުން ކަނޑުމަގުން ރާއްޖެއަށް މުދާ ގެނެސް، ރާއްޖެއިން ވައިގެ މަގުން އެހެން ގައުމުތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމަށް ތައާރަފުކުރި މުހިންމު ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖެއަކީ މުދާ ޓްރާންސްޝިޕް ކުރާ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.