ސައޫދީ އަރަބިއްޔާއިން ރޭ އިރުއޮއްސުމާއެކު ހައްޖުމަހުގެ 29 ވަނަ ދުވަސް ފުރިހަމަކޮށް މުޙައްރަމް މަހަށް ހަނދުބެލުމުގެ މަސައްކަތް އިއުލާނުކުރިއެވެ. އެގޮތުން ދެޙަރަމްފުޅުގެ މަޢުލޫމާތު ގެނެސްދޭ މީސްމީޑިއާ ޙަރަމައިން އިންފޯގައި ޝާޢިރުކޮށްފައިވާގޮތުން ރޭ ސަޢުދީ އަރަބިއްޔާއަކަށް ހަނދެއް ނުފެނެއެވެ. އެހެންކަމުން ކުރިއަށް މިދަނީ ހައްޖުމަހުގެ 30 ވަނަ ދުވަސްކަމާއި މުޙައްރަމް މަހާއެކު ހިޖުރީ އައު އަހަރު ފެށިގެންދާނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސުމާއެކުގައި ކަމަށް ސަޢުދީ ހަނދު ކޮމިޓީއިންވަނީ ނިންމާފައެވެ.
މި ނިންމުމާއި ވިދިގެން އޮމާންގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއިންވެސްވަނީ ރޭ ހަނދު ސާބިތުނުވާކަމަށާއި މި އަހަރުގެ މުޙައްރަމް މަހުގެ 1 ކަމަށް ވާނީ އަންގާރަ ދުވަސްކަމަށް އިއުލާނުކޮށްފައެވެ.
ހަނދު ސާބިތުކުރުމުގައި އެކި ގައުމުތަކުގެ މެދުގައި ތަފާތުތަށް ކޮންމެ އަހަރަކުވެސް އުޅެއެވެ. އެއީ ބައެއް ގައުމުތަށް ފަލަކީ ހިސާބުތަކަށް ބޮޑަށް ބަރޯސާވާއިރު އެހެން ގައުމުތަކުން ބޮޑަށް ބަލަނީ ހަމަލޮލަށް ހަނދުފެނި ސާބިތުވުމުގެ މައްޗަށެވެ. އާއްމުކޮށް ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގައި މިތަފާތު ބޮޑަށް ފާހަގަކުރެވުނު ނަމަވެސް، މަދުން ނަމަވެސް އައު އަހަރު ކަނޑައެޅުމުގައި ވެސް މިތަފާތު ފެނިގެންދެއެވެ.
އެގޮތުން މެލޭޝިއާއެކޭ އެއްގޮތަށް ދިވެހި ރާއްޖޭގައިވެސް މުޙައްރަމް އެކެއްގެ ގޮތުގައި މާކުރިންވެސް ކަލަންޑަރުގައި ފާހަގަކޮށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިއަދެވެ. އަދި މިނިންމުމަށް ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ. ޒަމާނުއްސުރެއް ރާއްޖޭގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ހަނދު ބަލާ ބީދައިން މުހައްރަމް މަހަށް ހަނދު ސާބިތުކުރުމެއް ނޯވެއެވެ. އެހެންކަމުން ބޮޑަށް ބެލެނީ މިއީ ފަލަކީ ހިސާބަށް ބެލުމަށްފަހުން ނިންމާފައިވާ ނިންމުމެއްކަމުގައެވެ.
މިނިންމުންތަކާއެކު މިއަހަރުގެ އާޝޫރާ ދުވަސްވެސް ތަފާތުވީއެވެ. އެގޮތުން ރޯދަ ހިފުން މޮޅުއިތުރު ވެގެންވާކަމަށް ކީރިތި ރަސޫލާ ސލއވގެ ހަދީޘްބަސްފުޅުން ސާބިތުވެފައިވާ އާޝޫރާ ދުވަސް ނުވަތަ މުޙައްރަމްމަހުގެ 10 ވަނަ ދުވަހަކީ ސަޢުދީ އަރަބިއްޔާއަށް އޯގަސްޓް މަހުގެ 19 އެވެ. ރާއްޖެއަށް މިދުވަހަކީ އޭގެ އެއްދުވަސް ކުރިން، އޯގަސްޓް މަހުގެ 18 ވާ ބުދަދުވަހެވެ.
