މި އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ދުނިޔެ ނިމޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ 1960 ވަނަ އަހަރު ހަދާފައިވާ ހިސާބު އިލްމުގެ ދިރާސާއަކަށް ބިނާކޮށް ދެކެވެމުންދާ ވާހަކަތަކެކެވެ. މި ވާހަކަތައް އަނެއްކާވެސް ފެތުރެން ފަށާފައިވަނީ، އެ ދިރާސާގައި އިންސާނުންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، 2026 ވަނަ އަހަރުގެ ނޮވެމްބަރު 13 އަށް ދުނިޔޭގެ އާބާދީ އޭގެ އެންމެ މަތީ ހައްދަށް ގޮސް ދުނިޔެ ނިމުމަކަށް އަންނާނެ ކަމަށް ލަފާކޮށްފައި އޮތުމުންނެވެ.
މި ލަފާކުރުމުގެ އަސްލަކީ ސައިންސްވެރިޔާ ހައިންޒް ފޮން ފޯސްޓާއާއި އޭނާގެ ޓީމުން ނެރެފައިވާ އިލްމީ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އެ މީހުން ބޭނުންކޮށްފައިވަނީ ތާރީހީ ގޮތުން އިންސާނުންގެ އާބާދީ އިތުރުވަމުން އައިސްފައިވާ ގޮތުގެ ހިސާބުތަކެކެވެ. އެގޮތުން، އެ ދުވަސްވަރު އާބާދީ އިތުރުވަމުން ދިޔަ ބާރުމިނުގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގޮސްފިނަމަ، މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ވާ ހުކުރު ދުވަހު އާބާދީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ގިނަވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މޮޑެލްގައި ބުނާ ގޮތުންނަމަ، އެ ތާރީހުގައި އާބާދީގެ އަދަދު ގުނަން ނޭނގޭ ހިސާބަށް ނުވަތަ "ސިންގިއުލަރިޓީ" އަކަށް ފޯރާނެއެވެ. މީގެ މާނައަކީ ދުނިޔޭގައި މީހުންނަށް ދިރިއުޅެވޭނެ އެއްވެސް ޖާގައެއް ނެތި، ކާނާއާއި ފެނުގެ ދަތިކަން އިންތިހާއަށް ގޮސް އިންސާނީ ދަރިފަސްކޮޅު ނެތިދާނެ ކަމުގެ ބިރު އޮތުމެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ހިސާބު އިލްމުގެ ނަޒަރަކުން ކުރެހި ހިޔާލީ މަންޒަރެކެވެ.
މިކަމާ ގުޅޭގޮތުން ސައިންސްވެރިން ބުނަނީ، 1960 ގެ ދިރާސާއަކީ ހަގީގަތުގައި ދުނިޔެ ނިމޭނެ ދުވަސް ކަނޑައެޅުމަށްވުރެ ބޮޑަށް، އާބާދީ ކޮންޓްރޯލް ނުކޮށްފިނަމަ ނުކުމެދާނެ ނުރައްކާތެރި ނަތީޖާ ދައްކައިދިނުމަށް ތައްޔާރުކުރި މޮޑެލްއެއް ކަމަށެވެ. އެހެންކަމުން، މިއީ ދުނިޔެ ގޮއްވާލާނެ ނުވަތަ އެހެންވެސް ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރެއް ނޫން ކަމަށް މިހާރުގެ ދިރާސާކުރާ ފަރާތްތަކުން ޔަގީންކޮށްދެއެވެ.
ހަގީގަތަކީ، ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި އާބާދީ އިތުރުވާ މިންވަރު މަޑުޖެހި، ވަކި ހިސާބަކުން އާބާދީ ދަށްވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، އަންނަ ނޮވެމްބަރު މަހު ދުނިޔެ ނިމިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް، އަދި ސައިންސާއި ހަގީގަތާ ފުށުއަރާ ވާހަކަތަކެއްކަން ކަށަވަރުވެއެވެ.
