ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެ މައްސަލައިގައި ރަސްމީކޮށް މަޝްވަރާކުރެއްވުމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރު އެންޑީ ބާންހަމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
ރައީސް މި ދައުވަތު ދެއްވީ ފޯޅަވަހީގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައި އިނގިރޭސި ޕްރައިމް މިނިސްޓަރަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި، ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިން ނިންމަން އުޅޭ ނިންމުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާމެދު ވަނީ ވާހަކަދައްކަވާފައެވެ.
ތާރީހީ ގޮތުން ބެލި ނަމަވެސް ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން ފެންނަން އޮތްކަމާއި، ޖިއޮގްރަފީގެ ގޮތުން ރާއްޖެއާ އެންމެ ކައިރީގައި އޮތް އެއް ރަށަކީ އެއީކަން ރައީސް ވަނީ އެ ސިޓީފުޅުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން މޮރިޝަސްއާ އެ ތަން ހަވާލުކުރަން ކުރާ މަސައްކަތްތަކާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތެއްގެ މަތިން، މި މައްސަލައިގައި އިނގިރޭސި ސަރުކާރަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި ސިޓީފުޅާއެކު ދެ ގައުމުގެ ދެމެދުގައި ފޯޅަވަހީގެ މައްސަލައިގައި ވަރަށް އަވަހަށް ރަސްމީ ވާހަކަތައް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
