ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތަކުން، ހާއްސަކޮށް ހީޓް ސްޓްރޯކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މޫސުމީ ރެކޯޑުތަކަށް ބަލާއިރު މި ދުވަސްވަރު އެންމެ ހޫނުގަދަ ކަމަށް އިހުސާސްކުރެވެނީ ވެރިރަށް މާލެ އާއި ހދ. ހަނިމާދޫގައެވެ. އެގޮތުން މާލޭގައި އިހުސާސްކުރެވޭ ހޫނުމިން 38.6 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، ހަނިމާދޫގައި މި މިންވަރު ހުރީ 38 ޑިގްރީ ސެލްސިއަސްގައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ގަދަ ހޫނުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ވެސް ހަށިގަނޑަށް އެކި އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި ލޯ ދުޅަވުމާއި، ވަރުބަލިވުމާއި، ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހިތާއި ފުއްޕާމޭ ފަދަ ގުނަވަންތަކުގެ ބަލިތައް ތަހައްމަލުކުރާ މީހުންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ ހީޓް ސްޓްރޯކް ޖެހުމެވެ. ހޭނެތުމާއި، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީއަށް ވުރެ މައްޗަށް ދިއުމާއި، ވިންދު އަވަސްވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ އެއީ ހީޓް ސްޓްރޯކްގެ ނުރައްކާ ކަމަށް ވެދާނެތީ، ލަސްނުކޮށް ކުއްލި ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި މިފަދަ ހާލަތެއްގައި ބަލި މީހާ ހިޔާ ތަނަކަށް ގެންގޮސް، ފެން އުނގުޅައި ހަށިގަނޑު ފިނިކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް ބުނެފައިވެއެވެ.
މި ދުވަސްވަރު ހޫނުމިން މަތިވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި ހަނދާންކޮށްދެމުންނެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ އަވީގައި ގިނަ ވަގުތު ނުއުޅުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނައިން ފެން ބުއިމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ.
