ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައި، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހީމް އަންނަ ހަފުތާގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ. މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ޕްރައިމް މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންވަރު ރާއްޖެ ވަޑައިގަންނަވާނީ އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ. މި ދަތުރުފުޅަކީ ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު މެލޭޝިއާގެ އެންމެ އިސްވެރިޔާ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވާއިރު، އެންމެ ފަހުން އެ ގައުމުގެ ޕްރައިމް މިނިސްޓަރަކު ރާއްޖެ ވަޑައިގަތީ 2017 ވަނަ އަހަރުގައެވެ. އޭރު ރާއްޖެ ވަޑައިގަތީ ކުރީގެ ޕްރައިމް މިނިސްޓަރު ނަޖީބް ރަޒާގެވެ.
މެލޭޝިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް މަތީ ތައުލީމު ހާސިލުކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމުގައި ދިރިއުޅެމުން ދެއެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި، ޓޫރިޒަމް ދާއިރާއާއި، ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ އިތުރުން ބައިލެޓްރަލް ކޮންސަލްޓޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ. އެ ދަތުރުފުޅުގައި އަންވަރާއެކު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، އެ އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
ރައީސް ވަނީ މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއެކު ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެހެންކަމުން، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންނަ ހަފުތާގައި ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އާ ހަރުފަތަކަށް ގޮސް، ގިނަ ރޮނގުތަކަކުން ފައިދާހުރި މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
