ހއ. އުލިގަމުގައި ތަރައްގީކުރާ މަތީ ފެންވަރުގެ ޔޮޓް މެރީނާ ހިންގާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ. އެ ކުންފުނިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި މެރީނާގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ހެދުމުގެ މަސައްކަތް ސަސް އީ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާނީ އެއްފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ޖާގައިގެ މެރީނާއެކެވެ. މެރީނާ ހަދަން ކަނޑައަޅާފައިވާ ބިން މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

އެމްޕީއެލް އިން ބުނީ މެރީނާ އޮޕަރޭޓުކުރަން ހަވާލުވާ ފަރާތުން ޔޮޓުފަހަރަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ތެޔޮ އެޅުމާއި، ފެނާއި ކަރަންޓުގެ ހިދުމަތާއި، ކުނި މެނޭޖުކުރުމާއި މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން މެރީނާ ހޮޓާ ނުވަތަ ރިސޯޓަކާއި، ކެފޭ ރެސްޓޯރަންޓު، ފިހާރަތައް، ކްރޫންނަށް ހާއްސަ ފެސިލިޓީތައް، ވޯޓާ ސްޕޯޓްސް އަދި ވެލްނެސް ސެންޓަރުތައް ގާއިމުކުރުން ވެސް އޮޕަރޭޓަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މި މެރީނާ އޮޕަރޭޓުކުރަން ހަވާލުކުރާނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށެވެ. އެމްޕީއެލް އިން ބުނި ގޮތުގައި އިންޓަނޭޝަނަލް ޔޮޓް ރޫޓުތަކުގައި އުލިގަން އިޝްތިހާރުކޮށް، ގްލޯބަލް ބްރޭންޑިން އަދި ޗާޓަރު ޕާޓްނަރުން ހޯދުމަކީ ވެސް މެރީނާ ހިންގާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

އުލިގަމަކީ ރާއްޖެއަށް އަންނަ ގިނަ ޔޮޓުތަކެއް އާންމުކޮށް ބަނދަރުކުރާ، ޔޮޓުތަކުގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެންކަމުން، އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަކީ، ރަށަށާއި މުޅި ސަރަހައްދަށް ބޮޑު އިގުތިސާދީ ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ. މީގެ ސަބަބުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.