މުޅި ރާއްޖެއަށް ހުޅުވާލައިގެން އުރީދޫން މިހާރު ކުރިއަށްގެންދާ "އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026" ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 48 ޓީމު ވާދަކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއީ ދިވެހި ގޭމަރުންނަށް ފެންވަރު ރަނގަޅު ވާދަވެރި މައިދާނެއް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

އުރީދޫން ބުނި ގޮތުގައި މިއަހަރުގެ މުބާރާތަށް އެކި އަތޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މުބާރާތުގައި ވާދަކުރާ 48 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްޓަކައި މުޅިއެކު 75 މެޗު މި ލީގުގައި ކުޅޭނެއެވެ.

މި ލީގުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުޅުންތެރިންނަށް އެ މީހުންގެ އަމިއްލަ ރަށް ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަމިއްލަ ރަށުގެ ނަމުގައި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރުވެރިކަމާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭނެ ކަމެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.

މިއީ މިދިޔަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ އަތޮޅު އީސްޕޯޓްސް ލީގަށްފަހު ބާއްވާ ދެވަނަ މުބާރާތެވެ. މި މުބާރާތާއެކު އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކުޅުންތެރިންނަށް އެ މީހުންގެ ހުނަރު ތަރައްގީކޮށް، ގޭމިން ދާއިރާ އިތުރަށް ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރަމުން އަންނައިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އަމިއްލަ ރަށުގެ ޓީމަށް ސަޕޯޓުކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ. އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ގޭމަރުންނަށް ހާއްސަކޮށްގެން އުރީދޫން ހިންގާ "އުރީދޫ ނޭޝަން" ޕްލެޓްފޯމުގެ މުހިންމު ހަރަކާތެކެވެ.