ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އަމަލީގޮތުން ތަން ގޮސް ނުބަލައި އެއްވެސް އެޑްވާންސް ފައިސާއެއް ނުދެއްކުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންނަށް އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މިފަދަ އޮޅުވާލުންތައް ހިންގާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން މީހުންނަށް އޮޅުވާލަމުންނެވެ. ހާއްސަކޮށް ޓިކްޓޮކް އެކައުންޓްތަކާއި ވަކި ފޯނު ނަންބަރުތަކެއް ބޭނުންކޮށްގެން، އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ވަގަށް ނަގައިގެން އަގުހެޔޮކޮށް ދޭކަމަށް ބުނެ އިޝްތިހާރު ކުރަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ މީހުން މުއާމަލާތް ކުރާއިރު، އެހެން މީހުން ވެސް ތަން ހިފަން އުޅޭ ކަމަށް ބުނެ ކަސްޓަމަރު އަވަސްއަރުވާލައެވެ. އަދި ބުކިން ކަށަވަރުކުރުމަށްޓަކައި 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ދެއްކުމަށް އެދި، އިތުބާރު ހޯދުމަށް ވަގު އައިޑީ ކާޑު ފަދަ ތަކެތި ފޮނުވައެވެ. ނަމަވެސް ފައިސާ ފޮނުވި ސްލިޕް ލިބުމާއެކު އެމީހުން މުއާމަލާތް ހުއްޓާލައި ފިލަނީއެވެ.
އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް ފައިސާއެއް ޓްރާންސްފާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިރުޝާދު ދެއެވެ.
މީގެ އިތުރުން، މިފަދަ އޮޅުވާލުމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ މިފަދަ މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރަށް ގުޅައި ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް އެ މައްސަލަ ރިޕޯޓުކުރުމަށް ވެސް ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ.
