ކޮލެސްޓްރޯލް އަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ސެލްތައް އުފެއްދުމަށާއި، ހޯމޯންތަކާއި ވިޓަމިން ޑީ އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ނަމަވެސް، ލޭގެ ތެރޭގައި ކޮލެސްޓްރޯލް ދަތުރުކުރަނީ "ލިޕޯޕްރޮޓީން" ނަމަކަށް ކިޔާ ޕްރޮޓީން މޮލިކިއުލްތަކުގެ އެހީގައެވެ. ސިއްހީ ގޮތުން ކޮލެސްޓްރޯލް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ނުބައި ކޮލެސްޓްރޯލް "އެލް.ޑީ.އެލް" އާއި، ރަނގަޅު ކޮލެސްޓްރޯލް "އެޗް.ޑީ.އެލް" އެވެ.

ނުބައި ކޮލެސްޓްރޯލް (އެލް.ޑީ.އެލް) ގެ ސަބަބުން ހަށިގަނޑަށް ނުރައްކާވަނީ، ލޭގެ ތެރޭގައި މި މާއްދާ ގިނަވުމުން ލޭ ދައުރުވާ ހޮޅިތަކުގެ ފާރުތަކުގައި އެތަކެތި ތަރަވެ / ޖަމާވާން ފެށުމުންނެވެ. މިގޮތަށް ޖަމާވުމުން ލޭހޮޅިތައް ހަނިވެ، ހަރުވެ، ލޭ ދައުރުކުރުމަށް ހުރަސްއެޅެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކާއި، ހާޓް އެޓޭކް ޖެހުމާއި، އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެހެންކަމުން މިއީ ސިއްހަތަށް ނުހަނު ނުރައްކާތެރި މާއްދާއެކެވެ.

އަނެއްކޮޅުން، ރަނގަޅު ކޮލެސްޓްރޯލް (އެޗް.ޑީ.އެލް) އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި މާއްދާގެ މައިގަނޑު މަސައްކަތަކީ ލޭހޮޅިތަކުގައި ހުންނަ އިތުރު ކޮލެސްޓްރޯލްތައް އަތުލައި، އެތަކެތި ފުރަމޭއަށް (ލިވަރ) ފޮނުވައިދިނުމެވެ. ފުރަމޭއިން އެ ކޮލެސްޓްރޯލްތައް ހަށިގަނޑުން ބޭރުކޮށްދެއެވެ. އެހެންކަމުން، އެޗް.ޑީ.އެލް ގިނަވުމަކީ ލޭހޮޅިތައް ސާފުކޮށްދީ، ހިތުގެ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމެކެވެ.

އަޅުގަނޑުމެންގެ ހަށިގަނޑަށް ކޮލެސްޓްރޯލް ލިބޭ މައިގަނޑު ދެގޮތެއްވެއެވެ. ފުރަތަމަ ގޮތަކީ ފުރަމޭއިން އަމިއްލައަށް އުފައްދާ އުފެއްދުމެވެ. ދެވަނަ ގޮތަކީ އަޅުގަނޑުމެން ކާބޯތަކެތީގެ ތެރެއިންނެވެ. ތެލުލި ކާނާއާއި، ސެޗުރޭޓެޑް ފެޓް އަދި ޕްރޮސެސްކޮށްފައިވާ ކާނާ (މިސާލަކަށް ރެޑް މީޓް، ބަޓަރު، އަދި ޖަންކް ފުޑް) ކެއުމުން ނުބައި ކޮލެސްޓްރޯލް (އެލް.ޑީ.އެލް) އިތުރުވެއެވެ. ނަމަވެސް، ކަނޑުމަހުގެ ބާވަތްތަކާއި، ޒައިތޫނިތެޔޮ، ކާށިތެޔޮ، ނަޓްސް، މޭވާއާއި ތަރުކާރީ ކެއުމުންނާއި އަދި ގަވާއިދުން ކަސްރަތު ކުރުމަކީ ރަނގަޅު ކޮލެސްޓްރޯލް (އެޗް.ޑީ.އެލް) މަތިކޮށްދޭ ކަންކަމެވެ.

ހަވާލާ: ސައިންސް ޑެއިލީ 2024.