ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވުމުގެ ކުރިން ނަގާފައިވާ ހާއްސަ މެޓާނިޓީ ފޮޓޯޝޫޓް ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު، މުޅި އިންޓަނެޓުގައި އެ ފޮޓޯތަކަށް ބޮޑު ތަރުހީބަކާއި ތައުރީފެއް ލިބެން ފަށައިފި އެވެ.

މި ހިތްގައިމު ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު، މިއީ ފަހަކަށް އައިސް ސޯޝަލް މީޑިއާއިން ފެނުނު އެންމެ ލޯބި އަދި އުފާވެރި އެއް މަންޒަރުގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އާންމުކޮށްފައިވާ މި ފޮޓޯތަކުން ފެންނަނީ ދެމަފިރިންގެ ދެމެދުގައި އޮތް ވަރުގަދަ ލޯތްބާއި، ދަރިފުޅަށް އިންތިޒާރުކުރުމުގައި ތިބި އުފާވެރި ވަގުތުތަކެވެ. ބަނޑުބޮޑު ދުވަސްވަރު ދީޕިކާގެ ރީތިކަމާއި ރަންވީރުގެ އޯގާތެރިކަން ދައްކުވައިދޭ މި ފޮޓޯތަކުގައި ދެ ތަރިން ފެންނަނީ ވަރަށް ގާތްކޮށް، ހިތްހަމަޖެހުމާ އެކު ހިނިތުންވެ ތިއްބަ އެވެ.

ދީޕިކާ އާއި ރަންވީރަކީ ބޮލީވުޑްގެ އިތުރުން މުޅި ދުނިޔޭގެ ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެ ތަރިންނަށް ވާއިރު، އެ ދެމީހުންގެ ދިރިއުޅުމުގެ ކޮންމެ މަރުހަލާއަކަށް ވެސް ސަޕޯޓަރުން ބޮޑު ސަމާލުކަމެއް ދެ އެވެ. މި ދެމަފިރިންނަށް އަލަތު އަންހެން ދަރިފުޅު ދުއާ ލިބުމަކީ ސަޕޯޓަރުންނާއި މުޅި ފިލްމީ ދާއިރާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކަށް ވިއިރު، މެޓާނިޓީ ޝޫޓްގެ މި ހަނދާންތަކުން އެ އުފާވެރިކަން އިތުރަށް ވަނީ ފުރިހަމަވެގެން ގޮސްފަ އެވެ.

މި ފޮޓޯތައް ފެނުމާ އެކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ އަދަދެއްގެ މީހުން ބުނީ މިއީ މިހާތަނަށް ބޮލީވުޑްގެ ދެމަފިރިއެއްގެ ފަރާތުން ފެނުނު އެންމެ ހިތްގައިމު އަދި އަސަރުގަދަ ފޮޓޯޝޫޓް ކަމަށެވެ. އަދި ބޮލީވުޑްގެ އެހެން މަޝްހޫރު ފަންނާނުންނާއި އާންމު ސަޕޯޓަރުން ވެސް ވަނީ އެ ދެމަފިރިންނަށާއި ކުޑަކުޑަ ދުއާއަށް ހެޔޮއެދުމާއި ލޯބީގެ މެސެޖުތައް އޮއްސާލައިފަ އެވެ.


މި އާ ފޮޓޯޝޫޓާ އެކު ރަންވީރު އަދި ދީޕިކާ އަނެއްކާވެސް ސޯޝަލް މީޑިއާގެ ޓްރެންޑިންގެ އެންމެ ކުރިއަށް އަރާފައިވާއިރު، މިއީ އެ ދެ ތަރިންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސްވަރު ސިފަކޮށްދިން ހަނދާންތަކެކެވެ. މައިންބަފައިންގެ އާ ދައުރާ އެކު ދެ ތަރިން ކުރިއަށްދާއިރު، އެމީހުންގެ އާއިލީ އުފާވެރިކަން ދެމިއޮތުމަށް އެދި އެތައް މިލިއަން ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.