ޖަރުމަނުވިލާތުގެ ޔުނިވަރސިޓީ އޮފް ލައިޕްޒިގުގެ ސައިންސްވެރިން ވަނީ ކަށިތަކުގެ ވަރުގަދަކަން އިތުރުކޮށްދީ، ކަށި ގިރުމުން ރައްކާތެރިކޮށްދޭ މުހިންމު ބަޔޮލޮޖިކަލް "ސްވިޗެއް" ހޯދާފައެވެ. ސައިންސްވެރިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، "އޭ.ޕީ 503" ނަންދެވިފައިވާ މާދާއެއް ބޭނުންކޮށްގެން ކަށީގައިވާ ޖީ.ޕީ.އާރު 113 ރިސެޕްޓަރ އެކްޓިވޭޓް ކުރުމުން، މީދަލުގެ ކަށިތަކުގެ ބޯމިނާއި ވަރުގަދަކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. މިއީ އުމުރުން ދުވަސްވުމުން ދިމާވާ ކަށި ފީވުމުގެ ބަލި ނުވަތަ އޮސްޓިއޯޕޮރޯސިސް ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ކުރުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
އާންމުކޮށް އިންސާނާގެ ކަށީގެ ނިޒާމު މަސައްކަތްކުރަނީ އައު ކަށިތައް އުފެއްދުމާއި މުސްކުޅި ކަށިތައް ގިރުމުގެ ތެރެއިން ހަމަހަމަކަން ހިފަހައްޓައިގެންނެވެ. ނަމަވެސް، އޮސްޓިއޯޕޮރޯސިސް ބަލީގައި ކަށި ގިރޭ މިންވަރު އިތުރުވެ، އައު ކަށި އުފެދޭ މިންވަރު ދަށަށްދެއެވެ. މި އައު ދިރާސާއިން އެނގުނު ގޮތުގައި އޭ.ޕީ 503 މާއްދާއިން ޖީ.ޕީ.އާރު 133 ރިސެޕްޓަރ މަސައްކަތްކުރަން ފެށުމުން، ކަށި އުފައްދައިދޭ ސެލްތައް އިތުރަށް ހަރަކާތްތެރިވެ، ކަށި ގިރުވައިދޭ ސެލްތަކުގެ މަސައްކަތް ލަސްކޮށްދެއެވެ. މި ދެކަންތައް އެއްކޮށް ހިނގުމުގެ ސަބަބުން ކަށީގެ ބޯމިން އިތުރުވެ، ބިންދައިގެން ދިއުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
މި ހޯދުމުގެ އެންމެ އުންމީދީ އެއްބަޔަކީ، މީގެ ކުރިން ކުރެވުނު ދިރާސާތަކުން މި މާއްދާއަކީ ހަމައެކަނި ކަށިތަކަށް އެކަނި އަސަރުކުރާ މާއްދާއެއް ނޫންކަން އެނގުމާއި އެކު މިއީ މަސްތަކުގެ ވަރުގަދަކަމާވެސް ގުޅިފައިވާ މާއްދާއެއްކަން އެނގިފައިވުމެވެ. އުމުރުން ދުވަސްވާވަރަކަށް ކަށިތައް މަޑުވުމުގެ އިތުރުން މަސްތަކުގެ ބާރުދެރަވުމަކީ (ސާކޯޕީނިއާ) އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން، މި ފަރުވާއަކީ މަސްތަކާއި ކަށިތައް އެއްފަހަރާ ވަރުގަދަކޮށްދީ، އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަލިކަށިކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބޮޑު ގާބިލުކަމެއް ލިބިފައިވާ ފަރުވާއެކެވެ.
މި ދިރާސާ އަދި އޮތީ ތަޖުރިބާގެ މަރުހަލާގައި ކަމަށްވީ ނަމަވެސް، ލައިޕްޒިގު ޔުނިވަރސިޓީގެ ދިރާސާވެރިން ގަބޫލުކުރައްވާ ގޮތުގައި މިއީ މުސްތަގުބަލުގައި އޮސްޓިއޯޕޮރޯސިސް ފަދަ ބަލިތަކަށް އައު، އެފެކްޓިވް ބޭސްތަކެއް އުފެއްދުމަށް ހުޅުވިގެންދިޔަ ވަރަށް އަލިވިލުން ބޮޑު ދޮރެކެވެ. ކުރިއަށް އޮތް ތަނުގައި އިންސާނުންގެ ހަށިގަނޑުގައި މި ފަރުވާ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށް އިތުރު ކްލިނިކަލް ޓްރަޔަލްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
