​އިންސާނާގެ އާންމު ދިރިއުޅުމަކީ ތަފާތު ގޮންޖެހުންތަކާއި، ދަތި އުނދަގޫ ވަގުތުތަކުން ފުރިގެންވާ ދަތުރެކެވެ. އާއިލީ ޒިންމާތަކުގައާއި، ވަޒީފާގެ މައިދާނުގައި އަދި މުޖުތަމައުގެ އެކި މީހުންނާއެކު މުއާމަލާތް ކުރުމުގައި ހީނުކުރާ ފަދަ ހިތްހަމަނުޖެހޭ ކަންކަމާ ކުރިމަތިލާންޖެހެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމެއްގެ އެންމެ ބޮޑު ހިފެހެއްޓުމަކަށް ވާންޖެހެނީ ކެތްތެރިކަމެވެ. ކެތްތެރިކަމަކީ ހަމައެކަނި ދެރައެއް ލިބުމުން އަނގަބަންދުކޮށްގެން ހުރުމެއް ނޫނެވެ. ނަމަވެސް އެއީ ނަފްސު ކަންތައްތަކުން މަނާކޮށް، ހިކުމަތްތެރިކަމާއެކު ކަންކަމަށް ކުރިމަތިލުމުގެ މަތިވެރި ސިފައެކެވެ.

​އާންމު ދިރިއުޅުމުގެ ކުދިކުދި ކަންކަމުގައި ކެތްތެރިކަން އިސްކުރުމަކީ އިންސާނާގެ ނަފްސާނީ ހަމަޖެހުމަށް ލިބޭ އާރޯކަމެކެވެ. މަގުމަތީގެ ތޮއްޖެހުމުގައި، ނުވަތަ މަސައްކަތުގެ މާހައުލުގައި އެހެން މީހެއްގެ ފަރާތުން ފެންނަ ނުރަނގަޅު އުޅުމަކަށް ރުޅިވެރިކަމާއެކު ރައްދުދިނުމުގެ ބަދަލުގައި، ކެތްތެރިވުމުން މުޅި ދުވަހުގެ ހަމަޖެހުން ސަލާމަތްވެގެންދެއެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކަށް މާފުކުރުމުގެ ރޫހު އަށަގަންނުވަނީވެސް އާންމު ކަންކަމުގައި ކެތްތެރިކަން އިސްކޮށްގެންނެވެ.

​ކެތްތެރިކަމުގެ މުހިންމުކަން ބަޔާންކުރައްވައި ކީރިތި ގުރްއާނުގައި މާތް لله ވަނީ ކެތްތެރިންނާއެކު ވޮޑިގެންވާކަން އަންގަވާފައެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ.

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ﴾ (ސޫރަތުލް ބަޤަރާ: 153) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވޭ! ކެތްތެރިކަމާއި، ނަމާދުން ތިޔަބައިމީހުން ވާގިއެދޭށޭ! ހަމަކަށަވަރުން، الله ގެ ވާގިފުޅުވަނީ، ކެތްތެރިންނާއެކުގައެވެ."

​މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވާ ގޮތުގައި، ކެތްތެރިކަމަކީ ހަމައެކަނި އިންތިޒާރުކުރުމެއް ނޫނެވެ. ނަމަވެސް އެއީ އިންތިޒާރުކުރާ ވަގުތުގައާއި ދަތި އުނދަގޫ ވަގުތުތަކުގައި އެކަށީގެންވާ ރަނގަޅު އަޚްލާގެއްގައި ހިފެހެއްޓުމެވެ. މުފްތީ މެންކް ފާހަގަކުރައްވާ ގޮތުގައި، ދިރިއުޅުމުގައި އަޅުގަނޑުމެން އެދޭ ކޮންމެ ކަމެއް އަޅުގަނޑުމެން އެދޭ ވަގުތަކު ނުވެދާނެއެވެ. ނަމަވެސް އެކަމުގައި اللهގެ ހިކުމަތްޕުޅެއްވާނެކަން ގަބޫލުކޮށް، ހިތްހަމަޖެހުމާއެކު ސާބިތުވެ ހުރުމަކީ އިސްލާމީ ކެތްތެރިކަމުގެ އަސާސެވެ.

​އާންމު ދިރިއުޅުމުގައި ކެތްތެރިކަން ދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އޮތް މަގެކެވެ. ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް ރުޅިމަޑުކޮށް، ކެތްތެރިކަން އިސްކޮށްފިނަމަ، ދިރިއުޅުމަށް އުފާވެރިކަމާއި ހަމަޖެހުން ލިބިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން މާތް للهގެ ރުއްސެވުމާއި ލޯބި އަޅުގަނޑުމެންނަށް ލިބިގެންދާނެއެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.