އިންސާނާގެ އުމުރަކީ ވަރަށް ކުރު އެއްޗެކެވެ. އެކި މީހުން މިދުނިޔެއާއި ވަކިވަނީ އެކި އެކި ސަބަބުތަކާ ހުރެ އެކި ގޮތްގޮތަށް އެކި އުމުރުގައެވެ. އަމިއްލައަށް ފުރާނަ ދުއްވާލާ މީހުންވެސް މި ދުނިޔޭގައި މަދެއް ނޫނެވެ. އެކި އެކި ބަލިބަލީގައި ފަހުނޭވައި ދޫކުރާމީހުން އަދި މާގިނައެވެ. ހިތާމައަކީ އެހެން މީހުންގެ ޝިކާރައަށްވެ މަރުވެގެން ދާމީހުންވެސް ތިބޭކަމެވެ.

"ތޫނުއެއްޗަކުން ހަމަދީ ޒުވާނަކު ޒަހަމްކޮއްލައިފި." މި އީ އަޅުގަނޑުމެންނަށް މިހާރަކަށް އައިސް ވަރަށް އާންމުކޮށް އިވޭ ހަބަރެކެވެ. އަދި އެންމެ ދެރަ ވަނީ އެ ހަމަލާގައި މީހަކު މަރުވާ ހަބަރު ލިބުމުންނެވެ. އާދެ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ހަބަރެވެ. ކޮންމެއަކަސް ދައްކަން މިއުޅެނީ މާރާމާރީގެ ވާހަކައެއްނޫނެވެ.

ތޫނު އެއްޗަކުން ހަމަލައެއް އިންސާނާއަށް އެރުމަކީ އަދި އިންސާނާ މަރުވާންޖެހޭ ސަބަބެއް ނޫނެވެ. އަހަރެމެންގެ އާންމު ދިރިއުޅުމަގައި ވަޅިން އަތްކަނޑައިގެން ދަނީ ކިތަށްމީހުންގެތޯއެވެ. އަތަށް ބުޅި ވަންނަނީ ކިތަށް މީހުންގެތޯއެވެ. ފަޔަށް މޮހޮރު ހެރެނީ ކިތަށް މީހުންގެތޯއެވެ. އެފަދައިން ތޫނު އެއްޗަކުން ލިބޭ ކުދި ހަމަލައަކީ އޭގެ ސަބަބުން ފުރާނަ ދާވަރު ކަންކަމެއް ނޫނެވެ. ނަމަވެސް ތޫނުއެއްޗަކުން ހަމަލައެއް ލިބިގެން މަރުވަނީ ކީއްވެބާއެވެ. އެލިބޭ ހަމަލައެއް ހަންގަނޑު ފޫގޮސް މަސްގަނޑު ތެރެއަށް ވަދެއެވެ. އަދި އެވަރަކުންވެސް މަރުގެ އަލާމާތްލަކެއް ނުފެނެއެވެ. ހަށިގަނޑަށް ލޭ ފޮނުވައިދޭ މައި ލޭނާރެއް ބުރިވުމުގެ ސަބަބުން މަރުގެ އަލާމާތްތަށްފެނެއެވެ. އެހެނީ އެއީ ހިފެހެއްޓުމެއް ނެތި ހަށިގަނޑުން ލޭ ބޭރުވާތީއެވެ. މިގޮތަށް ކުއްލިގޮތަކަށް ގިނައަދަދެއްގެ ލޭ ހަށިގަނޑުން މަދުވުމުގެ ސަބަބުން ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބި ހިތް ހުއްޓޭ ގޮތްވެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ މަރުވުމެވެ. އެހިސާބުން އެ އިވެނީ "ތޫނު އެއްޗަކުން ހަމަލަދީ މީހަކު މަރާލައިފި" ކަމުގެ ހަބަރެވެ.

އިސްވެ މި ދެންނެވުނީ ތޫނު ހަތިޔާރަކުން ނުވަތަ އެއްޗަކުން އިންސާނަކަށް ލިބޭ އަނިޔާއަކުން އިންސާނާ މަރާ ކުރިމަތިލާން ޖެހޭ ގޮތެވެ. ދެން މި ބަލައިލަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން އިންސާނާ މަރަށް ހުށަހެޅޭ ގޮތެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަދި އިންސާނާ މަރުވާންޖެހޭ ސަބަބެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ މީހަކު މި ދުނިޔޭގައި ހުރުމަކީ ވަރަށް ދުރުކަމެކެވެ. އެހެނީ ސީދާ ގޮތުންނާ ނުސީދާގޮތުން އޭގެ އިސްތިއުމާލު ކުރެވޭތީއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން މަރާ ކުރިމަތިލާން ޖެހެނީ ކީއްވެބާއެވެ؟ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގެ ނޭވައިލާ ނިޒާމަށް އޭގެ ތުރާ އިންތިހާއަށް ލިބޭ ކަމެކެވެ. ފުއްޕާމޭގެ ތެރެއިންގޮސް އެ ތުރާ، ހިތަށް ކުރެއެވެ. ހިތާގުޅީފައި ހުންނަ އެތަށް ނާރުތަކަށް ކުރެއެވެ. އެނާރުތަކުގައި ލޭގަނޑުވެ ބެދޭގޮތްވެއެވެ. މިގޮތަށް ލޭނާރެއް ބެދޭއިރު އެ ލޭނާރުން ލޭ ފޮނުވައިދޭ ގުނަވަނެއްގެ މަސައްކަތް ހުއްޓޭނެއެވެ. އެހެނީ އެއީ އެ ގުނަވަނަކަށް ބޭނުންނާ އޮކްސިޖަން ނުލިބޭތީއެވެ. އާންމު ގޮތެެއްގައި މިގޮތަށް ބެދެނީ ހިތަށާއި ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރުތަކެވެ. އެހެންކަމުން ހިތް ނުވަތަ ސިކުންޑީގެ މަސައްކަތް ހުއްޓެއެވެ. ސްޓްރޯކް ޖެހެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ އިންސާނާގެ ފުރާނަ އިންސާނާއާއި ވަކިވުމެވެ.

ތޫނު ހަތިޔާރަކުން ހަމަލަދިނުމާ ދުންފަތުގެ އިސްތިއުމާލު ކޮއްގެން މަރުވުމަކީ ދާދި އެއްކަމެކެވެ. ތަފާތަކީ އަޑު އިވޭގޮތެވެ. ހަމަ އެންމެ ތަފާތެއްގެ ސަބަބުންނެވެ. އެ ތަފާތު އަދި ފަހުން ލިޔެލާނަމެވެ.

"ތޫނު އެއްޗަކުން ހަމަލަދީ، ލޭނާރެއް ބުރިވެ، ހިފެހެއްޓުމެއްނެތި ގިނަ އަދަދަކަށް ލޭ ބޭރުވުމުން، މަރުވެއްޖެ." 

"ދުންފަތުގެ އިސްތިއުމާލުކުރުމުން، ލޭނާރެއް ބެދި، ލޭ ދައުރުވުން ހުއްޓުމުން ނުވަތަ މަދުވުމުން، މަރުވެއްޖެ."

ހަގީގަތަކީ މިއީއެވެ. އަސްލަކީވެސް މިއީއެވެ. ތޫނު ހަތިޔާރަކުން ލިބިދާނެ ގެއްލުމަކަށް އަހަރެމެން އެންމެންވެސް ބިރުގަނެ ޖެހިލުންވެއެވެ. ނަމަވެސް ދުންފަތުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓެވެ. ނަމަވެސް މި ދޭތީގެ ނުރައްކަލާއި ބިރުވެރިކަން ދާދި އެއްފަދައެވެ. އަދި ކިއެއްތަ ދުންފަތުގެ ނުރައްކާ މާ ބޮޑެވެ. އެހެނީ އެއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމަކީ އިންސާނަށް ސިއްރުން ހަށިގަނޑުތެރޭ ހިނގާ ޖަރީމާއަކަށް ވާތީއެވެ. ގިނަ ދުވަހުން ބޮޑުތާ ޖައްސާ ޖަރީމާއަކަށް ވާތީއެވެ. އަޑު އިވޭގޮތް ތަފާތުވަނީ މިހެންވެއެވެ.

އަޑު ނީވުނަސް، ގަބޫލުކުރަން ބޭނުންނުވިޔަސް ހަގީގަތަކީ މިއީއެވެ. ގަޔަށް ވަޅި ޖަހާފާނެތީ ގަންނަބިރު ދުންފަތުގެ އިސްތިއުމާލު ކުރެވޭއިރު ގަންނަން އެބަ ޖެހެއެވެ. ދުންފަތާ އިންސާނާ ދުރަށް ދެވޭނީ އޭރުންނެވެ. ދުންފަތަކީ ތޫނު ހަތިޔާރެކެވެ. އަދި ކިއެއްތަ ތޫނުކަން ނިހާޔަތަށް ގޮސްފައިވާ ހަތިޔާރެކެވެ.