މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 24 ޕަސަންޓު އިތުރު އަދަދަކާ އެކު، ޖުމްލަ އާމްދަނީގެ ގޮތުގައި 2.42 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ. މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ލިބުނު މި އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު ވެސް 14 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި އެކަނިވެސް 1.25 ބިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުން ކަމަށްވާއިރު، އެއީ 490 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 144 މިލިއަން ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.
މީރާއިން މައުލޫމާތު ދިން ގޮތުގައި އާމްދަނީ އަންދާޒާއަށް ވުރެ އިތުރުވި މައިގަނޑު ސަބަބަކީ، މި އަހަރުގެ އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާ ދިމާވުމުން އޮގަސްޓް މަހުގެ ދެވަނަ ދުވަހަށް މުއްދަތު އިތުރުކުރަން ޖެހުމެވެ. މީގެ ސަބަބުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް އަދި އާންމު ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ މައިގަނޑު އިގްތިސާދީ ދާއިރާ ކަމަށްވާ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާމްދަނީ އިތުރުވުމާއި، ޓޫރިސްޓް ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ދެއްކުމަކީ ވެސް ލިބުނު އާމްދަނީ އަންދާޒާއަށް ވުރެ މައްޗަށް ދިޔަ މުހިންމު ސަބަބުތަކެކެވެ. ހަމައެއާ އެކު، ބޭރު މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ ނިސްބަތް ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ.
ދައުލަތަށް ގަވާއިދުން ލިބެންޖެހޭ ފައިސާގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން އެކަނިވެސް މިދިޔަ މަހު 497 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދައިދީފަ އެވެ. މީގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް ނޯޓިސް ފޮނުވައިގެންނާއި، ފައިސާ ދެއްކުމުގެ އެއްބަސްވުންތަކުގެ ދަށުން އަދި އެކައުންޓް ފްރީޒްކުރުން ފަދަ ގާނޫނީ ފިޔަވަޅުތައް އަޅައިގެން ހޯދި ފައިސާ ވެސް ހިމެނެ އެވެ.
