ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުންނާއި، ހުއްދަ ނެތި ބަންދުކޮށްފައިވާ ބައެއް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް 97 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ) ނުދައްކައި އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ރިސޯޓު ހިންގާ ފަރާތްތަކުގެ ބޮޑު އަގުލަބިއްޔަތެއް ކަމަށްވާ ގާތްގަނޑަކަށް 94 ޕަސަންޓު އޮޕަރޭޓަރުންނަކީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ގަވާއިދުން މީރާއަށް ޓެކުހާއި ކުލި ދައްކަމުން އަންނަ ޒިންމާދާރު ފަރާތްތަކެކެވެ. ނަމަވެސް ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކައި ހުރީ މަދު ބައެއް އޮޕަރޭޓިން ރިސޯޓުތަކާއި، މިނިސްޓްރީގެ ހުއްދައެއް ނެތި އަމިއްލައަށް އޮޕަރޭޝަން ހުއްޓާލާފައިވާ ތަންތަނުންނެވެ.
މި ފައިސާ ނުދައްކާ ހުރި ސަބަބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މީގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން 2013 ވަނަ އަހަރުން ފެށިގެން ވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާ ކަމެވެ.
"މީގެތެރޭގައި އެބަތިއްބެވި ބައެއް ބޭފުޅުން ގާތްގަނޑަކަށް 2013 އިން ފެށިގެންވެސް މިއަށް އަމަލު ނުކުރައްވާ. އެހެންމަ ދިގުމުއްދަތެއްގައި ހިނގާފަހުރި ކަންތައްތަކެއް މިއީ، އެއް ދުވަހަކުން ހައްލެއްވެސް ނުހޯދޭނެ،" ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މިހާރު ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފައިސާ ދެއްކުމަށް އެ ފަރާތްތަކަށް ވަކި މުއްދަތުތަކެއް ކަނޑައަޅައި ޓައިމްލައިނެއް ދީފައިވާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން މިހާރު ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ރިސޯޓެއް ހިންގާ ނަމަ ގާނޫނުގައި އޮންނަ ބިމު ކުއްޔާއި، ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ދައްކަންޖެހޭނެ ކަމަށާއި، އެކަމަށް ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ ނުރައްކާތެރި އާދައެއް އުފެދިދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ފަތުރުވެރިކަމުގެ ނިޒާމުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަކީ ރައްޔިތުންގެ ހައްގަކަށް ވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
