ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނަގާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގަމުން އައި ކްރޮސް ބޯޑާ ފީ މިރެއިން ފެށިގެން ނުނަގާ ގޮތަށް ހަމަޖައްސައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑު ލުޔެއް ދީފި އެވެ.

ބީއެމްއެލް އިން މިރޭ ނިންމި މި ނިންމުމަކީ، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް މާލީ ގޮތުން ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ނިންމުމާ ގުޅިގެން ބީއެމްއެލް އިން ބުނީ، ރާއްޖެއިން ބޭރުގައި އޭޓީއެމް ބޭނުންކުރާއިރު އެ ގައުމެއްގެ އޭޓީއެމްތަކުން ވަކި ފީއެއް ނެގި ނަމަވެސް، ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ފަރާތުން ނަގަމުން އައި ފީ މިރެއިން ފެށިގެން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. މީގެ ސަބަބުން ކާޑުން އިތުރަށް ކެނޑޭ ފައިސާ ނުކެނޑި، ދަރިވަރުންނަށް ސީދާ ފައިދާ ކުރާނެ އެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި، މި ބަދަލުގެ އެންމެ ބޮޑު ފަސޭހައެއް ލިބޭނީ ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. އެގޮތުން ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1،200 އެމެރިކާ ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން މިފަދަ ނިންމުމެއް މި ނިންމީ، ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކާއި ފީ ބޮޑުވުމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދަރިވަރަކު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން ކުރިން ނަގަމުން އައި ފީއަށް ވުރެ 10 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

މި މައްސަލައަށް އަވަސް ހައްލެއް ގެނެސްދެމުން ބީއެމްއެލް އިން ބުނީ، މި ބަދަލާ އެކު ދަރިވަރުންގެ އިތުރުން އެ ކުދިންގެ އާއިލާތަކަށް ވެސް މާލީ ގޮތުން ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ.