ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި، އެއްވެސް އަސާސެއް ނެތް އަދި ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެފަދަ އަމަލުތައް ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފި އެވެ. އީސީން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ގާނޫނާ ހިލާފު ވާހަކަތައް ދެއްކުން މިހާރަކަށް އައިސް އިތުރުވަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އީސީން ހާމަކުރި ގޮތުގައި، އެއްވެސް ހެއްކެއް ނުވަތަ ސާބިތު ހެއްކެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ ވަކި މެންބަރަކަށް އަމާޒުކޮށް ފާޑުކިޔައި އަގުވައްޓާލަން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސިޔާސީ ޕާޓީތަކުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބަޔާންކޮށްފަ އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީނަމަވެސް، އެ ހައްގު ބޭނުންކުރަންވާނީ ޒިންމާދާރުކަމާ އެކު ކަމަށް އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ މުޖުތަމައުގެ ހަމަޖެހުމަށާއި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭ ކަންކަމަށް ހެދުމަށް އެ ކޮމިޝަނުން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން، ސިޔާސީ އެއްވުންތަކާއި އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް، ސިޔާސީ ޕާޓީގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެ، ގައުމުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ޕާޓީތަކުގެ ލީޑަޝިޕަށާއި މެންބަރުންނަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން މަސައްކަތްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ މައިދާނުގައި ހޫނު ބަހުސްތަކެއް އުފެދިފައިވާއިރު، އީސީން މިވަނީ ގާނޫނީ އިމުގެ ތެރޭގައި ހަރަކާތްތައް ބެހެއްޓުމަށް ހުރިހާ ޕާޓީތަކަށް އަންގާފަ އެވެ.
