ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަހުޖަނު އީލޮން މަސްކްއާ އޮތް ގުޅުން ކަނޑާލާފައިވާ އޭނާގެ ދަރިފުޅު ވިވިއަން ވިލްސަން، މަސްކްގެ ވިސްނުންތަކަށާއި އޭނާގެ މަސައްކަތްތަކަށް މަލާމާތްކޮށް ހަޖޫޖަހާ ފަދަ މޭރުމަކުން އާ ފެޝަން ކެމްޕޭނެއްގައި ބައިވެ އިޝްތިހާރެއް ކުޅެފިއެވެ.

އޭއައި އަދި ހިއުމަނޮއިޑް ރޮބޮޓަކާ އެކު ކުރިއަށް ގެންދިޔަ މި ކެމްޕޭނުގައި ވިވިއަން ފެނިގެން ދަނީ މަސްކްގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ޓެސްލާ އޮޕްޓިމަސް ރޮބޮޓުތަކަށް ސީދާ އަމާޒުކޮށް ގޮންޖަހާ ފަދަ ގޮތަކަށެވެ.

"ބޯން ޓު ޑިސްއޮބޭ" ނުވަތަ "ކިޔަމަން ނުވާން އުފަންވި" ޝިއާރުގެ ދަށުން ނެރުނު މި އިޝްތިހާރުގައި، އިންސާނެއްގެ ސިފަ ޖަހާ ރޮބޮޓަކާ އެކު ވިވިއަން ވަނީ ތަފާތު މަންޒަރުތަކެއް ދައްކުވައިދީފަ އެވެ. މި ކެމްޕޭނުގައި ސީދާ މަސްކްގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް، މެޝިނަކަށް ބާރު ނުފޯރުވޭނެ ކަމަށާއި އަމިއްލަ ނަފުސު ކަނޑައަޅާނީ އަމިއްލައަށް ކަމަށް ބުނެ ދޭ މެސެޖަކީ މަސްކަށް ދިން ވަރުގަދަ ރައްދެއް ކަމަށް މީޑިއާތަކުން ފާހަގަކުރެ އެވެ.

ވިވިއަން އާއި އޭނާގެ ބައްޕަ އީލޮން މަސްކާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، 2022 ވަނަ އަހަރު އޭނާ ވަނީ ގާނޫނީ ގޮތުން ނަމާއި އާއިލީ ނަން ވެސް ބަދަލުކޮށްފަ އެވެ. އެއީ މަސްކާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާތީ ކަމަށް އޭރު އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، މަސްކް އެންމެ ބޮޑަށް ޕްރޮމޯޓްކުރާ ރޮބޮޓިކްސް ޓެކްނޮލޮޖީއާ ދެކޮޅަށް އޭނާގެ ދަރިފުޅު މިފަދަ ކެމްޕޭނެއްގައި ބައިވެރިވުމުން މި މައްސަލައިގެ ސަމާލުކަން އިތުރަށް ވަނީ ބޮޑުވެފަ އެވެ.

މި އިޝްތިހާރާ އެކު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑު ބަހުސެއް އުފެދިފަ އެވެ. ގިނަ ބަޔަކު މި ކެމްޕޭން ސިފަކުރަނީ އާއިލީ ހިތްހަމަނުޖެހުންތަކާއި، އޭއައި ޓެކްނޮލޮޖީއާ މެދު އުފެދިފައިވާ ބިރުވެރިކަން ދައްކުވައިދޭ ވަރަށް ވަރުގަދަ ރަމްޒީ ހަރަކާތެއްގެ ގޮތުގަ އެވެ. އަދި ޓެސްލާގެ ރޮބޮޓުތަކަށް ފާޅުގައި ކުރި މަލާމާތެއްގެ ގޮތުގައި ވެސް ގިނަ ފަރާތްތަކުން ދަނީ މިކަން ފާހަގަކުރަމުންނެވެ.

މަސްކް ދުނިޔެއަށް ދައްކަމުން އަންނަ އޭއައި ކުރިމަގަށް އޭނާގެ އަމިއްލަ ދަރިފުޅު މިފަދަ ގޮތަކަށް ފާޑުކިޔުމުން، ޓެކްނޮލޮޖީގެ ދާއިރާއަށާއި ފެޝަންގެ ދުނިޔެއަށް މިވަނީ ބޮޑު ސިހުމެއް ގެނުވާފަ އެވެ. މި ކެމްޕޭނާ ގުޅިގެން މަސްކްގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މި ވާހަކަ މިހާރު ވަނީ އިންޓަނެޓުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަށް ވެފަ އެވެ.