އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ ސަމަންތާ ރުތު ޕްރަބޫ އަލަތު ދަރިފުޅަށް ބަލިވެއިންކަން ރަސްމީކޮށް ކަށަވަރުކޮށްދީ، މިއަހަރުގެ ޑިސެމްބަރު މަހު ވިހަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ. ސަމަންތާ އާއި އޭނާގެ ފިރިމީހާ، ޑައިރެކްޓަރު ރާޖް ނިދިމޯރުއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި އުފާވެރި ހަބަރާ އެކު އޭނާގެ ސަޕޯޓަރުންނަށާއި މުޅި ފިލްމީ ދާއިރާއަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފަ އެވެ.

ދަރިފުޅު ދުނިޔެއަށް އައުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަމަންތާ ބުނީ މި ބަލިވެއިނުމަކީ ދެމަފިރިންނަށް ވެސް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ. މީގެ ކުރިން ދަރިއަކު ހޯދުމާ މެދު ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުވާލަމުން އޭނާ ވަނީ ދިރިއުޅުމުގެ އެ ހާއްސަ އިހުސާސްތައް މީޑިއާއާ ހިއްސާކޮށްފަ އެވެ.

"އަހަންނާއި ރާޖް ވެސް ތިބީ، ފަހަރުގައި އަހަރުމެންނަށް ދަރިން ނުލިބިދާނެޔޭ، ނުވަތަ ލިބިދާނެޔޭ ބުނާ ހިސާބުގައި އެކަމާ މެދު މައްސަލައެއް ނެތް ކަމަށް ނިންމައިގެން. ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުރީ އޯކޭ ވެގެން. އަހަރެން ވެސް އަދި އޭނާ ވެސް ހުރީ އެގޮތަށް ހިތްހަމަޖެހިގެން. މިކަން (ބަލިވެއިނުން) މިއީ ވަރަށް ބޮޑު ސަޕްރައިޒެއް،" ދަރިއަކު ލިބެން އުޅޭކަން އެނގުމުން ކުރެވުނު އިހުސާސްތައް ބަޔާންކުރަމުން ސަމަންތާ ބުންޏެވެ.

ސަމަންތާ ފާހަގަކުރި ގޮތުގައި، ދަރިއަކު ނުލިބުނު ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދާން ދެމަފިރިން ވެސް ކުރިން އޮތީ ނިންމައި ވިސްނުން ހަމަޖައްސައިފަ އެވެ. ނަމަވެސް އުންމީދު ނުކޮށް ހުއްޓާ ލިބުނު މި އުފާވެރި ހަބަރާ އެކު، ދިރިއުޅުމަށް ވަނީ މުޅިން އާ އުއްމީދުތަކަކާއި އާ ދިރުމެއް ގެނެސްދީފަ އެވެ. އެހެންކަމުން މިއީ އެ ދެމަފިރިންގެ ހަޔާތުގައި ވެސް މިހާތަނަށް އައި އެންމެ ހާއްސަ އަދި އުފާވެރި ދުވަސްވަރެވެ.

މިހާރު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރެ، ސަމަންތާ މުޅިން ވެސް ވަގުތު ހޭދަކުރަމުން އަންނަނީ ދަރިފުޅު ވިހެއުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވުމުގަ އެވެ. ޑިސެމްބަރު މަހު އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު، ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި އޭނާގެ އެތައް މިލިއަން ފޭނުން ދަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައި ހެޔޮއެދުންތައް ފޮނުވަމުންނެވެ.