ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އައިސޯޕިއޯ" (Isopure) ގެ ޕްރޮޓީން ޕައުޑަރު ދަޅެއް އަލަށް ކެނޑިއިރު އޭގެ އެތެރޭގައި ކުދި ފަނިތަކެއް އުޅޭކަން ފާހަގަކުރެވިގެން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ. އޭނާ ވަނީ މި މައްސަލަ ވަގުތުން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ އިސް ވެރިޔާގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ.
ބިޕާޝާ ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި އިތުބާރުކޮށްފައި ގަންނަ މިފަދަ މަޝްހޫރު އުފެއްދުންތަކުގެ ރައްކާތެރިކަން މިހާ ދަށް ފެންވަރަކަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަލަށް ބަންދު ކަނޑާލި ދަޅެއްގެ ތެރެއިން ދިރޭ ސޫފި ފެނުމަކީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ބިޕާޝާ ވަނީ މަހާރާޝްޓްރާގެ އެފްޑީއޭ ކޮމިޝަނަރު ޓުކާރާމް މުންދޭ ސީދާ ޓެގްކޮށް، ކަމާބެހޭ އިދާރާތަކުން މިކަން ސީރިއަސްކޮށް ބެލުމަށް ގޮވާލާފަ އެވެ. މިފަދަ ސަޕްލިމެންޓްތަކަކީ ޒުވާނުންނާއި ކުޅިވަރު ކުޅޭ އެތައް ހާސް ބަޔަކު ދުވަހުން ދުވަހަށް ބޭނުންކުރަމުން އަންނަ އެއްޗަކަށް ވާއިރު، އުފެއްދުމުގެ ފެންވަރު ހިފެހެއްޓުމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
ބަތަލާ މި މައްސަލަ ފެންމަތިކޮށްފައި މިވަނީ، މަހާރާޝްޓްރާގެ އެފްޑީއޭއިން ފެންވަރު ދަށް އަދި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ވިއްކާ ކާބޯތަކެއްޗާއި ސަޕްލިމެންޓްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. އެ އިދާރާއިން ދަނީ ބާޒާރުގައި ހުރި ތަފާތު ކާބޯތަކެތި ޓެސްޓުކޮށް، ގަވާއިދާ ހިލާފަށް އުފައްދާ އަދި ވިއްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޓަނެޓުގައި ގިނަ ބަޔަކު ދަނީ ބާޒާރުގައި ވިއްކަން ހުންނަ އަގުބޮޑު ބްރޭންޑްތަކުގެ ކޮލިޓީއާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިއްހީ ދުޅަހެޔޮކަމަށް ބޭނުންކުރާ ސަޕްލިމެންޓްތައް ގަތުމުގެ ކުރިން އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަމާބެހޭ އިދާރާތަކުން މާކެޓް ފާސްކުރުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އާންމުން ވެސް މިހާރު ދަނީ ގޮވާލަމުންނެވެ.
