ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމުގެ ފެންވަރު ސީނިއާ މިނިސްޓަރުގެ ދަރަޖައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގެ ތެރޭގައި މަތިކުރައްވައިފި އެވެ.

މި ބަދަލާ ގުޅިގެން ސަރުކާރުގެ އެންމެ މަތީ ފަންތީގައި ނިންމާ ނިންމުންތަކުގައި އޭނާގެ ދައުރާއި ޒިންމާތައް އިތުރަށް ފުޅާވެގެންދާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކުރެއްވީ މި ހިނގާ ހަފުތާގެ ތެރޭގައި ކަމަށެވެ. މިއީ ސަރުކާރުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައީސް އޮފީހުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރު ދެއްވީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށެވެ. ނަމަވެސް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގަތް ފަހުން، ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި މިހާތަނަށް އެހެން އެއްވެސް ބޭފުޅަކު ހުންނަވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ފަޔާޒު އައްޔަންކުރެއްވީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާ އެކު، ނޮވެމްބަރު 2023 ގަ އެވެ. ފަޔާޒަކީ މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައި، 2020 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ފަޔާޒު ވަނީ ކުރައްވާފަ އެވެ. ފަޔާޒަކީ ރައީސް މުއިއްޒު އެންމެ ބޮޑަށް އިތުބާރުކުރައްވާ އަދި އެމަނިކުފާނާ އެކު ގިނަ ދުވަސްތަކެއް ވަންދެން ގާތުން މަސައްކަތްކުރައްވާފައިވާ އެއް ބޭފުޅާ އެވެ.