ތާލިބާނުންނަކީ ކޮންބައެއްކަން އެމެރިކާއަށް ނޭނގުނީތީ އެކަމާ ހިތާމަކުރާ ކަމަށް ތާލިބާނުން ބުނެފި އެވެ.

އެ ޖަމާއަތުގެ ތަރުޖަމާން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނި ގޮތުން އަފްޣާންގައި އެޖަމާއަތުން ކުރާ އެއްވެސް ކަމެއްގެ ތެރެއަށް ބައިޑަން ސަރުކާރުން ވަދެ ގޯނާކޮށްފި ނަމަ ހިތުން ނުފިލާވަރުގެ ހަމަލާއެއް ދޭނެކަމަށެވެ.

އޭނާ އިތުރަށް ބުނީ މިއީ ބައިޑަން ސަރުކާރަށް ދޭ ނަސޭހަތެއް ކަމަށާއި އިންޒާރެއް ކަމަށް ދެކުނަސް ފަރުވާލެއް ނެތްކަމަށެވެ. ތާލިބާނުން ގާއިމުވެ ތިބި ހިޔާވަހިތަކަށް އެމެރިކާއިން ބޮންއެޅީ ކޮން ބޭނުމެއްގައިތޯ އޭނާ ވަނީ ތަކުރާރުކޮށް ސުވާލު އުފައްދާފަ އެވެ.

އެމެރިކާގެ ބޯޓުތަކުން ހޮނިހިރު ދުވަހު ތާލިބާނުންގެ ގަދަބާރުތަކަށް ވަނީ ބޮންއަޅާފަ އެވެ. އަދި އެ ހަމަލާތަކުގައި ތާލިބާނުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެސްވެފައެވެ.

ތާލިބާނުގެ ސިޔާސީ އޮފީހުގެ ތަރުޖަމާން ބުނީ މީގެ 20 އަހަރު ކުރިން އެމެރިކާ ސިފައިން އަފްޣާނަށް އެރިއިރު ތާލިބާނުންގެ ކިބާގައި ނެތް އެތަކެއް ބާރުވެރިކަން މިހާރު އެބަހުރި ކަމަށާއި އެހާ ގިނަ ދުވަސްވަންދެން އަފްޣާންގައި ތިބެ ތާލިބާނުން ބަލިނުކުރެވުނު ބަޔަކަށް ގައުމުން ބޭރުގައި ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ތާލިބާނުން ބޭނުން ވަނީ އެ ގައުމުގެ ވެރިކަމެވެ. ނުވަތަ ވެރިކަމުގެ ބޮޑު ބާރެކެވެ. އެހެންކަމުން އެގައުމުގައި މިހާރު އޮތް ސަރުކާރު ވެރިކަމާއި ފެޔަށް ނުޖެހޭހާހިނދަކު އެ ގައުުގައި ސުލްހަގާއިމުވުމަކީ ދަތި ކަމެކެވެ.