އިންޑިއާގެ ކާންޕޫރުގައި އުމުރުން 63 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިނީތު މިނޯޗާގެ ގައިގެ 26 ތަނަކަށް ވަޅި ޖަހައި އޭނާގެ އަމިއްލަ ގޭގައި އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ މޭސްތިރިއަކީ އޭނާގެ އަމިއްލަ ޅީދަރިފުޅު ކަމަށް ފުލުހުންގެ ތަހުގީގުން ފަޅާއަރައިފި އެވެ.

މި ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެ ސިޓީގެ މަޝްހޫރު ލައުންޖެއްގައި އެކުވެރިންނާ އެކު މަޖާނަގައި ނަށަން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ވިނީތު މަރާލުމުގެ ބޮޑު ރޭވުން ރޭވީ އޭނާގެ ޅީދަރިފުޅު ޝާލޫ މިނޯޗާ އެވެ. މި ގަތުލު އަމަލީ ގޮތުން ހިންގާފައިވަނީ އެ ގޭގައި ކުރިން މަސައްކަތްކުރި ނޯކަރަކު ލައްވައި ކަމަށާއި، މި ޖަރީމާ ހިންގުމަށް އެ ނޯކަރަށް ސީދާ އިރުޝާދު ދެމުން ދިޔައީ ކްލަބުގައި ހުރެގެން ޝާލޫ ކުރި ފޯނު ކޯލުތަކަކުން ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ހާދިސާ ހިނގި ރޭ ކާންޕޫރުގެ ކޮސްމޯޒިން ލައުންޖުގައި ލަވަތަކަށް ނަށަން ހުރި ޝާލޫ، އެނބުރި ގެއަށް ގޮސް އުޅުނީ މި މަރާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ މީހެއް ފަދައިންނެވެ. އޭނާގެ ބަފައިބެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު ގޭތެރެއިން ފެނުމުން، އެކަމާ ހިތާމަކޮށް ކުށެއް ނެތް މީހަކަށް ހެދިގެން ފުލުހުންނަށް އޮޅުވާލަން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

ނަމަވެސް ފުލުހުން ކުރިއަށް ގެންދިޔަ ފުޅާ ތަހުގީގުގައި ފޯނު ކޯލް ރެކޯޑުތައް ބަލައި ހޯދި ހޯދުންތަކުން، މި ގަތުލު ހިންގި ވަގުތު ގާތިލާ އެކު ޝާލޫ ގިނަ މުއާމަލާތްތަކެއް ކޮށްފައިވާކަން ވަނީ ސާބިތުވެފަ އެވެ. މި ހެކިތަކާ އެކު ފުލުހުން ސުވާލުކުރުމުން، އޭނާ ވަނީ މި ރޭވުން ރޭވި ގޮތާއި ގޭގެ ކުރީގެ ނޯކަރު މިކަމަށް ބޭނުންކުރި ގޮތް ހާމަކޮށްފަ އެވެ.

މި އަނިޔާވެރި މައްސަލައާ ގުޅިގެން ޝާލޫގެ އިތުރުން މި ގަތުލު އަމަލީ ގޮތުން ހިންގި ކުރީގެ ނޯކަރު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އާއިލީ ތެރޭގައި އޮތް މައްސަލަތަކަކާ ގުޅިގެން ހިންގި މި ބޮޑު ޖަރީމާއާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންނަށާއި މުޅި ސިޓީގެ އާންމުންނަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިގެން ގޮސްފަ އެވެ.