މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުގަދަވި ވަގުތެއްގައި ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި މިރޭ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ގަދަ ވަޔާއި ބާރު އޮއިވަރުގެ ސަބަބުން ބޯޓު ކޮންޓްރޯލް ނުކުރެވި، ބްރިޖާ ދިމާއަށް އޮޔާ ދިއުމުގެ ސަބަބުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ޓަގު ބޯޓު ފުރަތަމަ އޮޔާދިޔައީ މާލޭ އުތުރު ފަރާތު ކާނިވަލް ސަރަހައްދާ ދިމާލުންނެވެ. އަދި އޮޔާއި ވަޔާއެކު ބާރު ދުވެލީގައި ގޮސް، ސިނަމާލެ ބްރިޖުގެ ތަނބެއްގައި ބޯޓު ޖެހި އުރުނު މަންޒަރު އެ ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެނެއެވެ.

މިރެއަކީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދަޔާ ހިލާފަށް ގަދަ ރެއެކެވެ. ބެލެވޭ ގޮތުގައި މި ހާދިސާ ހިނގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މި ގަދަ ވަޔާއި ނުރައްކާތެރި ބާރު އޮއިވަރެވެ.

މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. ކޯސްޓްގާޑުގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ބްރިޖުގެ ތަނބަށާއި އެ ބޯޓަށް ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް އަދި އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ. ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާލަތު އިތުރަށް ބަލައި މޮނީޓަރު ކުރަމުންނެވެ.