ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވިތާ ހަ އަހަރު ފަހުން، އޭނާ މަރާލުމުގެ ކުރިން ދެތިން ފަހަރަކު ނޭވާ ހާސްކޮށް ކަރުގައި ހިފާފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަކާ ގުޅިގެން މި މައްސަލައިގައި އަނެއްކާވެސް ބޮޑު ބަހުސެއް ފެށިއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި ސުޝާންތު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އާ ވާހަކަތަކެއް ފެންމަތިވެފައި ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި މޯޗުއަރީގެ ކުރީގެ މުވައްޒަފަކު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
މި މައްސަލައިގައި އަނެއްކާވެސް ވާހަކަ ދެކެވެން ފަށާފައި މިވަނީ، ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދި ކޫޕާ ހޮސްޕިޓަލުގެ މޯޗުއަރީގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ރޫޕްކުމާރު ޝާހު މީގެ ކުރިން ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެންނެވެ. ޝާހު ވަނީ އޭނާގެ މަރުގެ ހާދިސާއަކީ އާދައިގެ ގޮތަކަށް އަމިއްލައަށް މަރުވި މަރެއް ނޫން ކަމަށާއި، ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ޝައްކު އުފެދޭ އެތައް ކަމެއް ހުރި ކަމަށް ބުނެފައެވެ.
އެގޮތުން ސުޝާންތުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ އަމިއްލައަށް ދަންޖެހިގެން މަރުވުމުން ފެންނަ ޒާތުގެ ނިޝާންތަކެއް ނޫން ކަމަށް ޝާހު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެކްޓަރުގެ ކަރަށް ބާރުކޮށްފައިވާ ކަމުގެ ފާހަގަތައް ހުރިއިރު، މަރުވުމުގެ ކުރިން ދެތިން ފަހަރަކު ކަރުގައި ހިފައި ނޭވާ ހާސްކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ފަދަ ނިޝާންތަކެއް ހުއްޓެވެ.
ޝާހު އިތުރަށް ބުނީ ސުޝާންތުގެ ކަރުގައި ހުރި ނިޝާންތަކަކީ އާންމުކޮށް މިފަދަ ހާދިސާތަކުގައި ފެންނަ ލިގޭޗާ މާކްސް ނުވަތަ ވާގަނޑަކުން އެޅިފައި ހުންނަ ފަދަ ނިޝާންތަކާ ތަފާތު ނިޝާންތަކެއް ކަމަށެވެ. އަދި އޭނާގެ ކަރަށް ބޮޑެތި ޕްރެޝަރުތަކެއް ނުވަތަ ބާރެއް އަޅާފައި ހުރި ކަމުގެ ސާފު ހެކިތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.
ނަމަވެސް، ޝާހު ކުރި މި ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް މިނިވަން ނުވަތަ ސާބިތު ހެއްކެއް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ. ސުޝާންތު މަރުވިތާ އެތައް އަހަރެއް ފަހުން މި ވާހަކަތަކުގެ ބަހުސް އަލުން ސޯޝަލް މީޑިއާގައްޔާއި އާންމުންގެ މެދުގައި ހޫނުވެގެން ދިޔަ ނަމަވެސް، ތަހުގީގީ އެއްވެސް އިދާރާއަކުން މި ވާހަކަތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
