ޕާޓީއެއްގެ ތެރޭގައި ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ހާން އަންހެން ކުއްޖަކު ގޮނޑިން ކޮއްޕާ ވައްޓާލުމުން، އެކަމުގެ އިލްޒާމު އެޅުނީ އޭނާގެ ބޮލުގައި ކަމަށް މަޝްހޫރު އިންޓަނެޓް ސެލެބްރިޓީ އޯރީ ބުނެފިއެވެ. އޯރީ މި ތުހުމަތު ކޮށްފައިވަނީ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.
އޯރީ ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގީ އޭނާއާއި ސާރާ އެކުގައި ބައިވެރިވި ޕާޓީއެއްގައެވެ. އެ ޕާޓީގެ ތެރެއިން އެ ދެ މީހުން އިށީންނާނެ ތަނެއް ހޯދަމުން ދަނިކޮށް، ގޮނޑިއެއްގައި އިން އަންހެން ކުއްޖަކު ފެނުމުން ސާރާ އެ ކުއްޖާ ގޮނޑިން ކޮއްޕާ ވައްޓާލި ކަމަށާއި، އެއަށްފަހު އެ ދެ މީހުން އެތަނުގައި އިށީނީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެކަން ހިނގިތާ މާ ގިނައިރުތަކެއް ނުވެ ކަންތައްތައް ބޮޑުވެގެން ދިޔަ ކަމަށް އޯރީ ބުންޏެވެ. އަދި އަނިޔާ ލިބުނު އަންހެން ކުއްޖާ ސާރާއާ ދިމާކުރުމުގެ ބަދަލުގައި، ސީދާ އޭނާއާ ކުރިމަތިލައި ރުޅިގަދަވެގެން ވާހަކަ ދައްކަން ފެށި ކަމަށް އޯރީ ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން އޯރީ ބުނީ، އެ އަންހެން ކުއްޖާ ސާރާއާ ކުރިމަތިނުލީ އެ ދުވަސްވަރަކީ ސާރާ ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ވަގުތަކަށް ވެފައި، އޭނާއަކީ މާ ބޮޑު މަގުބޫލުކަމެއް އޭރު އޮތް މީހަކަށް ނުވާތީ ކަމަށެވެ. އެހެންވެ އެ ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހުނީ ނުކުރާ ކަމެއްގެ ސަބަބުން އޭނާއަށް ކަމަށް އޯރީ ބުންޏެވެ.
މިއީ ވަރަށް މަޖާ ހާދިސާއެއްގެ ގޮތުގައި ސިފަކުރަމުން އޯރީ ބުނީ، މި ހުރިހާ ވާހަކައެއް އުފެއްދީ ވެސް އަދި ކަންކަން ހިންގީ ވެސް ހަގީގަތުގައި ސާރާ ކަމަށެވެ. އަދި އޭނާ އަމިއްލައަށް ނުކުރާ ކަމެއްގެ ހިތި ތަޖުރިބާ މިހާރު ވެސް އުފުލަން ޖެހިފައިވާ ކަމަށް ބުނެ، އެ ކުއްޖާ ގޮނޑިން ވައްޓާނުލާ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.
